އިމާރާތަކުން ވެއްޓުނު ޔުމްނު އަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ޒުވާނުން މާލޭގައި ބާއްވަމުން އަންނަ މުޒާހަރާ.-- ފޮޓޯ: މިހާރު
02 މެއި 2025 - 21:26
އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރާއިރު، އެހެން މީހުންގެ ހައްގުތައް ނުގެއްލޭ ގޮތަށް މުޒާހަރާތައް އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެޗްއާރުސީއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ގާނޫނުއަސާސީން އެއްވެއުޅުމުގެ މިނިވަންކަން ދީފައިވާއިރު، އެ ހައްގުގެ ބޭނުންކުރުމުގައި އެއްބަޔަކު އަނެއް ބައެއްގެ ހައްގަށް އަރައިނުގަނެ، ހައްގުތަކަށް އިހުތިރާމް ކުރުމަކީ މުޖުތަމައުގެ ހަމަޖެހުމަށް މުހިންމު ކަމެއް ކަމަށެވެ.
އެއްވުންތައް ބޭއްވުމުގައި ދަތުރުފަތުރުކުރާ މީހުންނާއި ހިނގާވެބިނގާވާ މީހުންނާއި އެ ސަރަހައްދެއްގައި ދިރިއުޅޭ ފަރާތްތަކާއި ވިޔަފާރިތަކަށް ދަތިނުވާނެ ގޮތަކަށް އެއްވުންތައް ހަމަޖެއްސުމަށް އެ ކޮމިޝަނުން އިލްތިމާސްކުރާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
"ހަމައެހެންމެ، މި ދުވަސްވަރަކީ ޖީސީއީ އޯލެވެލް އިމްތިހާނު ދުވަސްވަރުކަމުން، މަގުތަކުގައި އަޑުގަދަނުކޮށް މިފަދަ އެއްވުންތަކުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ކޮމިޝަނުން އިލްތިމާސްކުރަމެވެ. އަދި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ނުވާނެހެން މުޒާހަރާ ކުރިއަށް ގެންދިއުމަށް މި ކޮމިޝަނުން ގޮވާލަމެވެ،" އެ ބަޔާނުގައިވެ ބުންޏެވެ.
އެޗްއާރުސީއެމުން ވަނީ މުޒާހަރާތައް ރޫޅާލުމުގައި ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ފުލުހުންނަށް ވެސް އިލްތިމާސްކޮށްފަ އެވެ. އަދި ފުލުހުން އަމަލުކުރަން ޖެހޭ އިޖުރައާތުތަކަށް ސަމާލުވުމަށާއި އެއްވުންތައް ރޫޅާލުމުގައި ސުލްހަވެރިކަން އިސްކުރުމަށް އެޗްއާރުސީއެމުން ފުލުހުންނަށް ގޮވާލި އެވެ.
މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލައި، ޒުވާނުން ކުރަމުން ގެންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން ރޭ ބޭއްވި މުޒާހަރާ ފުލުހުން ބާރުގެ ބޭނުންކޮށްގެން ވަނީ ރޫޅާލައިފަ އެވެ. އެ މުޒާހަރާ ރޫޅާލި މިއީ ފުރަތަމަ ފަހަރެވެ. މުޒާހަރާ ރޫޅާލުމަށް ޕެޕާ ސްޕްރޭ ވެސް ފުލުހުން ރޭ ބޭނުންކުރި އެވެ. އަދި މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ފުލުހުންނާއި އާންމުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ދެ މީހަކު ހައްޔަރު ވެސް ކޮށްފައިވެ އެވެ.
ސަރުކާރުން މިއަދު ވަނީ ފުލުހުންގެ ހުއްދަ ނެތި މާލޭގައި އެއްވެ އުޅެވޭނެ އިތުރު ތިން ސަރަހައްދެއް ކަނޑައަޅައިފަ އެވެ. އެއީ ކާނިވާ ސަރަހައްދުގެ އިތުރުން ރަސްފަންނު ސަރަހައްދާއި އިންޑަސްޓްރިއަލް ޒޯން ސަރަހައްދު އަދި އުސްފަސްގަނޑު ސަރަހައްދެވެ. އެ ނޫން ސަރަހައްދުތަކަށް އެއްވާ ނަމަ، އެއްވުން ރޫޅާލާނެ ކަމުގެ އިންޒާރު ވެސް ފުލުހުން މިރޭ ވަނީ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުވެއްޓުނީ
03 May 2025
ޔުމްނު ވެއްޓުނީއޭ އެޗްއާރުސީއެމުން ބުނަން އެނގުނީ ކިހިނެތް؟ ގިނަ ބަޔަކު ޤަބޫލު ކުރާ ގޮތުގައި މަސްތުގެ ޙާލަތުގައި ހުރެގެން ފުންމާލީ. އަނެއް ގިނަ ބަޔަކު ޤަބޫލު ކުރާ ގޮތުގައި ވައްޓާލީ. ވެއްޓުނީ ކަމަށް ޤަބޫލު ކުރާ ބަޔަކު ނެތް. ދެން ކީއްވެ ވެއްޓުނީއޭ ތިކިޔަނީ؟
ބޭކާރުކަމެއް
03 May 2025
އަމިއްލަ ގޭ ފާހާނާގައި މުޒާހަރާ ކުރީމަ އެ ނުވާނެ މުޒާހަރާއަކަށް
އޭސީއޭބީ
03 May 2025
ސިޔާސީ ޕާޓީ ތަކުން ސޮލަވާތް ފާތިހާ ތަ ކިޔަވަނީ މަގުމަތީ؟ ޕީޕީއެމުން ވެސް ލަވަ ޖަހާ ނަށާ އައުގުރާނަވެސް ގޮވި. މަޖުލިސް ތެރޭގައިވެސް އަވަގުރާނަ ގޮވާ އަޑު ނާހަންތަ؟ އެކަންކަމާ ބަލާފަ މި ޒުވާން ކުދިން 100 ބައި ރަނގަޅު، ތިބީ ތާސް ކުޅެން، ތިއްބާ އިންޒާރެއް ނުދީ ގޮސް އަރައިގަތީ. ވީޑިއޯ އެހެރީ ލައިވް ޓީވީ އިން ފެނުނު.
ޢެހެންތޭ
02 May 2025
އެހެންމީހުންގެ ހައްގުތައް އަދި ކިރިޔާތަ އެނގުނީ