މާލޭގައި ކުރި މުޒާހަރާއެއްގައި ފުލުހުން ހަރަކާތްތެރިވަނީ: ހުއްދަ ނެތް ސަރަހައްދުތަކަށް އެއްވާން ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނޭ --- ފޮޓޯ/މިހާރު
02 މެއި 2025 - 20:02
ހުއްދަ ހޯދުމަކާއި ނުލައި މާލޭގައި މުޒާހަރާ ކުރެވޭނެ ސަރަހައްދުތައް ސަރުކާރުން މިއަދު އިތުރުކޮށްފައި ވާއިރު، އެ ނޫން ސަރަހައްދުތަކަށް އެއްވާނަމަ އެކަން ހުއްޓުވާނެ ކަމުގެ އިންޒާރު ފުލުހުން މިރޭ ދީފި އެވެ.
ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އިދާރާގެ ހުއްދަ ނެތި މާލޭގައި މުޒާހަރާކުރަން ހޯމް މިނިސްޓްރީން ކަނޑައަޅާފައިވާ ހަތަރު ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި، އާންމުންގެ އަސާސީ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް ބާއްވާ އެއްވުންތަކަށް ފުރުސަތު ނުދޭނެ ކަމަށެވެ.
ގާނޫނާ ހިލާފަށް ބާއްވާ އެއްވުންތައް ރޫޅާލުމަށް ގާނޫނީ ބާރުގެ ބޭނުންކޮށް، އެއްވުން އިންތިޒާމުކުރާ ފަރާތްތަކާ މެދުގައި ގާނޫނީ ފިޔަވަޅު އަޅައި، އާންމު މަސްލަހަތު ރައްކާތެރިކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.
ފުލުހުން ބުނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބާއްވާ އެއްވުންތަކަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށާއި އެ އެއްވުންތައް ބާއްވާ ސަރަހައްދުތަކުގެ މަގުތަކާއި އެއްވުން ނުވަތަ ހިނގާލުން ކުރިއަށް ގެންދިއުމަށް ބޭނުންވާނެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އިންތިޒާމު ވެސް ފުލުހުން ހަމަޖައްސައިދޭނެ ކަމަށެވެ.
ޒުވާނުންތަކެއް އިސްނަގައިގެން މާލޭގެ މަޖީދީމަގުގައި ސިލްސިލާކޮށް މިހާރު ކުރިއަށް ގެންދާ މުޒާހަރާގެ ސަބަބުން އެ މަގު ބަންދުވެ، އާންމު ދަތުރުފަތުރުގެ ނިޒާމަށާއި މަގުތަކުގައި ހިނގާވެބިނގާވެ އުޅޭ މީހުންނަށާއި އިމަޖެންސީ ހިދުމަތްތަކަށާއި ވިޔަފާރިތަކަށް އަދި ޖީސީއީ އޯލެވެލް އިމްތިހާނަށް ތައްޔާރުވަމުން އަންނަ ދަރިވަރުންނަށް ވެސް ބޮޑެތި އުނދަގޫތަކާ ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ފުލުހުންނަށް ލިބެމުންދާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ހޯމް މިނިސްޓްރީން މިއަދު ވަނީ ފުލުހުންގެ ހުއްދަ ނެތި މާލޭގައި މުޒާހަރާ ކުރެވޭނެ ސަރަހައްދުތައް އިތުރުކޮށްފަ އެވެ. މީގެ ކުރިން ހުއްދަ ހޯދުމަކާއި ނުލައި މުޒާހަރާ ކުރެވެނީ ކާނިވާ ސަރަހައްދަށް އެކަންޏެވެ. ނަމަވެސް މި ބަދަލާ އެކު، ކާނިވާ ސަރަހައްދުގެ އިތުރުން ރަސްފަންނު ސަރަހައްދާއި މާލޭ އިންޑަސްޓްރިއަލް ޒޯން ސަރަހައްދު އަދި އުސްފަސްގަނޑު ސަރަހައްދުގައި މުޒާހަރާކުރަން ފުލުހުންގެ ހުއްދަ ބޭނުމެއް ނުވާނެ އެވެ.
މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލައި، ޒުވާނުން ކުރަމުން ގެންދާ ސިލްސިލާ މުޒާހަރާގެ ރޭގެ އެއްވުން ރޫޅާލީ ދަންވަރު 12 ޖަހަން އުޅެނިކޮށެވެ. އެއީ ފުލުހުން ބާރުގެ ބޭނުންކޮށްގެން އެ މުޒާހަރާ ރޫޅާލި ފުރަތަމަ ފަހަރެވެ. މުޒާހަރާ ރޫޅާލުމަށް ޕެޕާ ސްޕްރޭ ވެސް ފުލުހުން ރޭ ބޭނުންކުރި އެވެ. އަދި މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ފުލުހުންނާއި އާންމުންނާ ދެމެދު ކުރިމަތިލުންތަކުގައި ދެ މީހަކު ހައްޔަރު ވެސް ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއއއ
03 May 2025
ހަމަ އެއްތަނެއްގައި ދޯ މި ޖެހުނީ.....
ދެންނެވީމޭ
02 May 2025
މީގެކުރިންވެސް މިރާއްޖޭގައި މުޒާހަރާކުރީކީ ބަޔަކު ހުއްދަދީގެން ހުއްދަދިން ތަނެއްގައެއް ނޫން.
ކަޅު ހިސްޓްރީ
02 May 2025
ފުލުހުން ތިޔަހިމާޔަތްކުރަނީ ރައްޔިތުންގެ މަސްލަހަތުތޯ ނުވަތަ ފުލުހުންގެ މަސްލަހަތުތޯ އެއީ އުފެދޭ ސުވާލެއް. ހަމަ ކޮންމެ ވެރިކަމެއްގައިވެސް އަނިޔާވެރި ވަނީ. ވީ ނީޑް ޗެންޖް!
ޗޭންޖު
02 May 2025
ކޮބާހޭ އެ ބުނާ ޗޭންޖަކީ؟ ހުރިހާ ފިކުރެއްގެ ވެރިކަން ފެނިއްޖެ. އައި ބަދަލެއް ނުފެނޭ. ތިބޭފުޅާ ތޯ ތި ބުނާ ޗޭންޖަކީ؟