ސެލޫންތަކަށް ގޮސް، ހިލޭ މީހުންގެ ކުރިމަތީގައި އައުރަ ހާމަކޮށް، ވެކްސް ކުރުމަކީ އިސްލާމްދީނުގައި ހަރާމްކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ރާއްޖޭގައި މިއަދު ކުރި ހުތުބާ ހާއްސަ ކޮށްފައި ވަނީ ސާފުތާހިރުކަމާއި ޒީނަތްތެރި ކަމަށެވެ.

މުސްލިމެއްގެ ހަޔާތުގެ އެންމެ މުހިންމު އެއް އަސާސަކީ ސާފުތާހިރުކަން ފާހަގަކޮށް، ހުތުބާގައި ވަނީ ނަމާދުކުރުމަށާއި ގުރްއާން ކިޔެވުމަށް ވެސް ސާފުތާހިރުވާންޖެހޭ ކަމަށް ބުނެދީފަ އެވެ.

ހަށިގަނޑާއި ލައިއުޅޭ ފޭރާމުގެ އިތުރުން ދިރިއުޅޭ މާހައުލު ސާފުކޮށް ބެހެއްޓުމަކީ ﷲ ރުހިވޮޑިގަންނަވާ މަތިވެރި އަޅުކަމެއް ކަމަށާއި ހިތް ނުބައިކޮށް ބާއްވައިގެން ހަމައެކަނި ބޭރުފުށް ރީތިކުރުމަކީ އެތެރެ ގޮނޑަކަށް އޮންނަ، ބޭރުފުށް ޒީނަތްތެރިކޮށްފައިވާ ގަނޑުވަރެއްގެ ގޮތުގައި ހުތުބާގައި ވެ އެވެ.

ޒަމާނީ ކުރިއެރުންތަކާ އެކު ރީތިވުމުގެ ނަމުގައި ބައެއް ފަރާތްތަކުން ދީނީ އިންތަކުން ބޭރުވަމުންދާ ކަމުގެ ކަންބޮޑުވުމާ އެކު، ހުތުބާގައި ބުނީ އޭގެ ތެރޭގައި ވެސް ވަރަށް ނުރައްކާތެރި ކަންކަން ކުރާ ކަމަށެވެ.

"އޭގެ ތެރެއިން އެންމެ ނުރައްކާތެރި އެއް ކަމަކީ ސެލޫންތަކަށް ގޮސް ވެކްސް ކުރުމަށް ނުވަތަ ލޭޒާ ޓްރީޓްމަންޓް ހެދުމަށްޓަކައި ތިމާއަށް ހުއްދަ ނޫން މީހުންގެ ކުރިމަތީގައި އައުރަ ކަޝްފު ކުރުމެވެ. މިއީ ދީނީ ގޮތުން ހުއްދަ ކަމެއް ނޫނެވެ. ސިއްހީ ހާލަތެއްފަދަ ޒަރޫރީ ކަމެއްގައި މެނުވީ މިކަން ހުއްދައެއް ނުވާނެ އެވެ. ރީތިކަމާއި ސާފުތާހިރުކަން ހޯދަންވާނީ ހަރާމް ކަންތައްތަކުން އެއްކިބާވެ ތިބެގެންނެވެ." ހުތުބާގައި ވެ އެވެ.

ހުތުބާގައި ބުނީ ހެދުން އަޅާއިރު ބުރުގާ އެޅުމުގެ ހަގީގީ ބޭނުމަކީ އައުރަ ނިވާކުރުން ކަމަށާއި ކަންފަތާއި ކަރު ފެންނަ ގޮތަށް ބުރުގާ އެޅުމާއި ހަށިގަނޑުގެ ވަނާތައް ހާމަވާ ފަދަ ބާރު ހެދުންލުމަކީ ޖާހިލިއްޔާ ޒަމާނުގެ އާދަތަކެއް ކަމަށެވެ. ފިރިހެނުން ވެސް ކުޅިވަރު ކުޅޭއިރުގަ އާއި އާންމު ދިރިއުޅުމުގައި އައުރަ ނިވާކުރުމަށް ވަނީ ގޮވާލައިފަ އެވެ.

ނަމާދުގެ ރުކުންތައް އަދާކުރާއިރު އައުރަ ހާމަވާފަދަ ހެދުމެއްގައި ހުރުމަކީ ނަމާދު ބާތިލުވާނެ ކަމެއްކަން ވެސް ހުތުބާގައި ބުންޏެވެ.