ހުކުރު ޚުތުބާ އިންތިހާ އަށް ސިޔާސީކޮށް، އިސްލާމް ދީން ސިޔާސީ ހަތިޔާރަކަށް ސަރުކާރުން ހަދަމުންދާ ކަމަށް ބުނެ އިދިކޮޅު ޕާޓީތަކުން މިއަދު ކަންބޮޑުވުންފާޅުކޮށްފި އެވެ.
އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީ ހިމެނޭ ގޮތަށް ނެރުނު ނޫސް ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހް ހޫނުވެ، ގާނޫނުގެ ވެރިކަން ނަގާލައި ހަމަނުޖެހުމުގެ ތެރެއަށް މުޅި ގައުމު ވެއްޓިފައިވާއިރު އިސްލާމް ދީން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކަމަށެވެ. މިއަދުގެ ހުކުރު ޚުތުބާ އިން ވެސް އެކަން ސާފުވާ ކަމަށް ބުނެ ޕާޓީތަކުން އެކަން ކުށްވެރިކޮށްފައިވެ އެވެ.
އިސްލާމިކް މިނިސްޓްރީން މިސްކިތްތަކަށް ފޮނުވާފައިވާ މިއަދު ހުތުބާގެ މައުޟޫއަކީ "ޙާކިމާ (ވެރިމީހާ) އަކީ ނިއުމަތެއް" މި އެވެ. ހުތުބާ ލިއެފައި ވަނީ ވެރިމީހާއަށް ކިޔަވަންވުމުގެ މައްޗަށެވެ. އެއީ، ވަރަށް ބޮޑަށް ސިޔާސީކޮށްފައިވާ ޚުތުބާއެއް ކަމަށް ބައެއް ދީނީ އިލްމުވެރިން ވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.
ޕާޓީތަކުން ބުނިގޮތުގައި ސަރުކާރުން ރާވާ ސިޔާސީ ހަރަކާތްތަކުގައި އިސްލާމްދީނުގެ ހައްގުގައި ބައިވެރިވުމަށް އަންނަނީ ގޮވާލަމުންނެވެ. އަދި ސަރުކާރުން އެދޭ ގޮތަށް ކަންކަން ކުރުވުމަށް އިސްލާމްދީނުގެ ނަން ބޭނުންކޮށްގެން ސިޔާސީ މަންފާ ހާސިލްކުރުމަށް އެތައް ގޮތަކުން ކަންކަން ކުރަމުން އަންނަކަން ފާހަގަވެފައިވާ ކަމަށް ވެސް ބަޔާނުގައި ވެ އެވެ.
"ވަކިން ޚާއްސަކޮށް ސަރުކާރުން އިންތިޒާމް ކުރާ ހަރަކާތްތަކަށް މީހުން އައުމަށް ގޮވާލަމުން އަންނައިރު، އެ ހަރަކާތްތަކުގައި ބައިވެރިވުމަކީ ދީނީ ވާޖިބެއް ކަމަށާއި އަދި ބައިވެރި ނުވެއްޖެނަމަ ގިޔާމަތް ދުވަހު ފާފަވެރިވާނެ ފަދަ ވާހަކަތައް ފާޅުގައި ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމަބަރުންނާއި ވަޒީރުން ގޮވާލަމުން އަންނަކަން ކަންބޮޑުވުމާއެކު ފާހަގަ ކުރަމެވެ،" ޕާޓީތަކުން ބުންޏެވެ.
ދީނީ ނަސޭހަތްތަކާއި ހުކުރު ޚުތުބާ ސިޔާސީވެ، ވެރިންނާ މެދު އިސްލާމްދީނުގައި އަންގަވާފައިވާ ގޮތާ ޚިލާފް ވާހަކަތައް ފަތުރަމުންދާ ކަމަށް ބުނެ ވެސް ކަންބޮޑުވުންފާޅުކޮށްފައިވެ އެވެ. އެފަދަ ކަންކަމުގެ ސަބަބުން މުޖުތަމައުގައި ފިތުނަ އުފެދެން މެދުވެރިވާނެ ކަމަށް ވެސް އިދިކޮޅު ޕާޓީތަކުގެ ބަޔާނުގައިވެ އެވެ.
އެފަދަ އަމަލުތަކުގައި އިލްމުވެރިން ބައިވެރި ނުވުމަށާއި މިސްކިތްތަކަކީ ސިޔާސީ ޖަގަހަތަކަކަށް ނުހެދުމަށް ވެސް އެ ބަޔާނުގައި އިދިކޮޅު ޕާޓީތަކުން ވަނީ ގޮވާލައިފަ އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދަށް ޚާއްސަކުރި ޚުތުބާއާ މެދު ދީނީ ބައެއް އިލްމުވެރިން ވެސް ހިތްހަމަނުޖެހުންފާޅުކުރިއިރު، އެ ޚުތުބާ ކިޔަން ލ. އަތޮޅުގެ އިމާމަކު ވަނީ ދެކޮޅު ހަދައިފަ އެވެ.