ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފި އެވެ. 

ހެނދުނު 9:00 ގައި ފެށި މި ޕްރައިމަރީގެ ވޯޓުގައި ހިތަދޫ ދާއިރާއަށް ރަޖިސްޓްރީވެފައިވާ ޕީއެންސީގެ މެންބަރުންނަށް ވޯޓުލެވޭނީ އައްޑޫ ހިތަދޫ ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ.

މާލެ އާއި އެހެނިހެން ރަށްރަށުގައި ވޯޓްލުމަށް ރަޖިސްޓްރީވެފައިވާ އެ ދާއިރާގެ މެންބަރުންނަށް ވޯޓުލާން ހަމަޖައްސާފައިވަނީ މާލެ ކަލާފާނު ސުކޫލުގައި ބަހައްޓާފައިވާ ފޮއްޓަށެވެ. 

އެ ފޮށިތަކަށް ވޯޓުލެވޭ މީހުންގެ ޖުމްލަ އަދަދަކީ 727 އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީގައި މީހަކު ވޯޓުލަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީގައި މީހަކު ވޯޓުލަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ވޯޓުލުން ކުރިއަށް ދާނީ ހަވީރު 4:00 ގެ ނިޔަލަށެވެ. 

ޕީއެންސީގެ މި ޕްރައިމަރީގައި ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލިހުގެ އެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާނާއި ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު (ސޮޑާ) އެވެ.

ޕީއެންސީން ޕްރައިމަރީ ބާއްވަން ނިންމާފައި ވާއިރު އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި އިތުރު ބޭފުޅަކު ކުރިމަތިލާފައި ނުވާތީ އެ ޓިކެޓު، އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އަށް ވަނީ ލިބިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީގެ ވޯޓު ކުރިއަށް ގެންދަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީގެ ވޯޓު ކުރިއަށް ގެންދަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އޭރުގެ އެ ދާއިރާގެ މެމްބަރު ސިނާން އިތުރު މީހަކާ ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޯބަރު 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް ސިނާން ފައިސާ ނުދެއްކެވި މައްސަލައިގަ އެވެ. ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މި މަހުގެ 12 ވަނަ ދުވަހު އެވެ.