ތުރުކީގައި މި މަހު ބޭއްވި އިންޓަ ޕާލަމެންޓްރީ ޔޫނިއަންގެ (އައިޕީޔޫ)ގެ 152 ވަނަ އެސެމްބްލީގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކުރެއްވި ތަގުރީރާއި އެ އެސެމްބްލީގައި ބައިވެރިވި ރައްޔިތުންގެ މަޖިލީހުގެ ވަފުދުން ކުރި މަސައްކަތަށް ކުރީގެ ފޮރިން މިނިސްޓަރު އަދި ޑިޕްލޮމެޓިކް ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ޑރ. އަހުމަދު ޝަހީދު ތައުރީފު ކުރައްވައިފި އެވެ.
ސޯޝަލް މީޑިއާގައި ކުރެެއްވި ޕޯސްޓެއްގައި ޝަހީދު ވިދާޅުވީ މި މަހުގެ 15 އިން 19 އަށް ބޭއްވި އައިޕީޔޫގެ އެސެމްބްލީގައި ތަގުރީރު ކުރައްވަން މަޖިލިހުގެ ރައީސް އަބްދުއްރަހީމަށް ފުރުސަތު ލިބިވަޑައިގަތީ އެ ޖަލްސާ ކުރިއަށް ދިޔަ މާލަމުގައި ނުތަނަވަސްކަމެއް އުފެދިފައި އޮތް ވަގުތެއްގައި ކަމަށެވެ.
ނަމަވެސް އެ މަނިކުފާނު ވާހަކަފުޅު ދެއްކެވީ މަޑުމައިތިރިކަމާ އެކު، އަޑުއަހާލަން ފަސޭހަ ލަސްމިނެއްގައި ކަމަށް ޝަހީދު ވިދާޅުވި އެވެ. އައިޕީޔޫގެ ޖަލްސާގައި އެވަގުތު ނުތަނަސްކަން އުފެދިފައި އޮތީ ގަލްފުގެ ބައެއް ގައުމުތަކުގެ ޑިޕްލޮމޭޓުން ދެއްކެވި ވާހަކަތަކަށް އީރާނުގެ ވަފުދުން ރައްދު ދިނުމުންނެވެ.
ޝަހީދު ވިދާޅުވި ގޮތުގައި އެ އުނދަގޫ ވަގުތުގައި އަބްދުއްރަހީމް ވާހަކަފުޅު ދެއްކެވީ ފުރިހަމަ އަށް ރާއްޖޭގެ މަސްލަހަތާއި ރާއްޖޭން ޒަމާނުއްސުރެ ގެންގުޅެމުން އަންނަ ހާރިޖީ ސިޔާސަތާ އެއްގޮތަށެވެ. އެންމެ ފާހަގަކޮށްލެވޭ ކަމަކީ އޭނާ ވިދާޅުވި ގޮތުގައި، ގަލްފުގައި މިހާރު ކުރިއަށްދާ ހަނގުރާމައާ ގުޅޭ ގޮތުން މަޖިލިހުގެ ރައީސް ވާހަކަފުޅު ދެއްކެވި އިރު އދ. ގެ ޗާޓަރާއި އިންސާނިއްޔަތުކަމާ ގުޅޭ ބައިނަލްއަގުވާމީ ގާނޫނާ އެއްގޮތަށް ކަމަށް ވުމެވެ.
"ރައްޔިތުންގެ މަޖިލީހުގެ ރައީސް ތަގުރީރު ކުރެއްވީ ދިވެހިރާއްޖޭން ގާއިމްކޮށްފައިވާ ހާރިޖީ ސިޔާސަތާއި 100 ޕަސެންޓް އެއްގޮތްވާ ގޮތަށް ކަމަށް ވުމަކީ ކުރީގެ ނުވަތަ އާއްމު ދިރިއުޅަށް އެނބުރި އައުމުގެ މަގުމަތީގައިވާ ޑިޕްލޮމޭޓެއްގެ ހައިސިއްޔަތުން އަޅުގަނޑު ވަރަށް އުފާވި ކަމެއް، ރާއްޖޭގެ ތަޖުރިބާކާރު ޑިޕްލޮމޭޓަކަށް އެކަން ފަސޭހައިން ކުރެވިދާނެ،" ފޭސްބުކްގައި ކުރެއްވި ޕޯސްޓްގައި ޝަަހީދު ވިދާޅުވި އެވެ.
ޝަހީދު ވިދާޅުވި ގޮތުގައި އަބްދުއްރަހީމާ ވާހަަކަ ދެއްކޭ ގޮތް ނުވަނީސް އެ މާލަމުން ވަޑައިގަންނަވަން ޖެހުމުން، އެ މަނިކުފާނާ ގުޅުއްވީ ފަހުންނެވެ. ގުޅުއްވުމާ އެކު ހަމަ ވަގުތުން ބައްދަލުކުރައްވަން އެއްްބަސްވެވަޑައިގެންނެވުމުން ހައިރާންވި ކަމަށް ވެސް ޝަހީދު ވިދާޅުވި އެވެ.
"އަޅުގަނޑު ބޭނުންވީ ރާއްޖޭގެ މަސްލަހަތާ އެއްގޮތަށް އެހާ ރަނގަޅަށް އެ މަނިކުފާނު ކުރެއްވި ތަގުރީރަށް ޓަކައި ޝުކުރު އަދާކޮށްލަން، ސަރުކާރުގައި ތިބީ ކޮން ބައެއްކަން، ވާހަކަ ދައްކަނީ ދައުލަތުގެ ކޮން ބާރަކަން މުހިއްމެއް ނޫން، އޮތީ ގައުމީ މަސްލަހަތާ އެއްގޮތަށް އަމަލުކުރާ 'ދިވެހިރާއްޖެ،" ޝަހީދު ވިދާޅުވި އެވެ.
"ހިޔާލުތަފާތުވީ ބޭފުޅަކާ ސައުދާ ވާހަކަ ދެއްކެވި"
ޝަހީދުގެ ޕޯސްޓްގައި އަބްދުއްރަހީމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މުޅި ވަފުދަށް ވެސް ތައުރީފު ކުރެއްވި އެވެ.
ނިލަންދޫ ދާއިރާގެ ޕީއެންސީ މެންބަރު ފާތިމަތު ސައުދާ ކުރެއްވި މަސައްކަތް ޝަހީދު ވަކިން ފާހަގަކުރެއްވި އެވެ.
ޝަހީދު ވިދާޅުވި ގޮތުގައި އައިޕީޔޫ އެސެމްބްލީގެ ތެރެއިން އެންމެ ނުތަވަސްކަންބޮޑުވި ފަލަސްތީނާއި އިޒްރޭލުގެ ދައުލަތް ވެސް އޮންނަ ގޮތަށް މެދުއިރުމަތީގެ މައްސަލަ ހައްލުކުރުމާ ބެހޭ ގޮތުން ބަހުސްކުރި ޕެނަލްގައި ސައުދާ ވާހަަކަ ދެއްކެވީ އދ. ގެ އާއްމު މަޖިލީހުގައި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް، ހާމަކުރެއްވި ސިޔާސަތާ ސީދާ އެއްގޮތަށެވެ.
"އަޅުގަނޑު ހައިރާންވި، އެހެން ހުރިހާ ބޭފުޅުން ދެއްކެވި ވާހަކައަށް ފާޑުވިދާޅުވި ބޭފުޅަކާ ވާހަކަ ދައްކަވަން ސައުދާ މަޑުކުރައްވައިގެން ހުންނެވިތަން ފެނުމުން،" ޝަހީދު ވިދާޅުވި އެވެ.