އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޖަލްސާ މާދަމާއަށް ތާވަލުކޮށްފި އެވެ.

ބަޖެޓް ހުށަހަޅާ ޖަލްސާ މާދަމާއަށް ތާވަލުކުރިކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާން ކުރެއްވީ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުންނެވެ. އަދި ބަޖެޓް ހުށަހަޅާ ޖަލްސާ ފަށާނީ އެމަނިކުފާނު ވިދާޅުވި ގޮތުގައި މާދަމާ މެންދުރުދަަހު 1:30 ގަ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ގޮތުގައި ސަރުކާރުން ހުށަހަޅާނީ ކިތައް ބިލިއަން ރުފިޔާ ކަމެއް އަދި ނޭނގެ އެވެ. 

މިއަހަރަށް ލަފާކުރާ ބަޖެޓްގެ ގޮތުގައި މިދިޔަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު މަޖިލީހުން ފާސްކުރީ 64.2 ބިލިއަން ރުފިޔާ އެވެ.

އެއީ ރާއްޖޭގައި މިހާތަނަށް އަހަރަކަށް ލަފާކުރި އެންމެ ބޮޑު ބަޖެޓެވެ. އެއީ 2025 ވަނަ އަހަރަށް ފާސްކުރި ބަޖެޓަށް ވުރެ ގާތްގަނޑަކަށް 8 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މިއަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި 40.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އާމްދަނީގައި މި އަހަރުގެ އެންމެ ބޮޑު ތަފާތަކީ، ހިލޭ އެހީ ހިމަނާފައިނުވުން ކަމަށް ބަޖެޓް ހުށަހަޅުއްވަމުން އޭރުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައިވެ އެވެ.

މިއަހަރުގެ ބަޖެޓް ޑެފިސިޓަކީ 8.8 ބިލިއަން ރުފިޔާ އެވެ. އެއީ ފަހުގެ ތާރީހެއްގައި ނިސްބަތުން އެންމެ ކުޑަ ޑެފިސިޓެއް ހުށަހެޅި އަހަރެވެ.

މިއަހަރަށް ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރީ 31.3 ބިލިއަން ރުފިޔާ އެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރީ 8.7 ބިލިއަން ރުފިޔާ އެވެ.