މުހިއްމު މަސައްކަތްތަކަކަށް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު، މި މަހުގެ 20 އާ ހަމައަށް ދަންމާލައި މެންބަރުންގެ ޗުއްޓީ ފަސްކޮށްފި އެވެ.

މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިމޭނީ އަންނަ ހޮނިހިރު ދުވަހަށެވެ. މަޖިލީހުގެ ޖަލްސާތައް ބާއްވަނީ ހޯމައިން ބުދައަށް ކަމަށް ވާތީ ޗުއްޓީ ފަސް ނުކުރާ ނަމަ ޗުއްޓީގެ ކުރިން އިތުރު ޖަލްސާއެއް ދެން ނުބޭއްވޭނެ އެވެ.

އެކަމަކު، ސަރުކާރުން އަވަހަށް ފާސްކުރަން ބޭނުންވާ ބައެއް ބިލުތަކުގެ މަސައްކަތާއި ރުހުން ހޯދުން ފަދަ ބައެއް ކަންތައްތައް ނިންމާލެވޭ ހިސާބުގައި އެބަ ހުއްޓެވެ. އެހެންވެ މިމަހުގެ 20 އާ ހަމައަށް ދައުރު އިތުރުކުރަން ހުށަހެޅުއްވީ ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

"މި ދައުރުގައި މަޖިލީހުން ނިންމަވަން މުުހިއްމު މަސައްކަތްތަކެއް ހުރުމާ އެކު 20 އޯގަސްޓް، 2026 އާ ހަމައަށް މަޖިލީހުން ގޮތެއް ނިންމުމަށް ޓަކައި ވޯޓަށް އެހުމަށް އަޅުގަނޑު ގަސްދުކުރަން،" މިއަދުގެ ޖަލްސާ ފެއްޓެވުމަށް ފަހު އަބްދުއްރަހީމް ވިދާޅުވި އެވެ.

އެ ހުށަހެޅުމާ އެއްގޮތަށް ދައުރު ދަންމާލަން ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތް 58 މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލިސް ޗުއްޓީއަށް ދިއުން މިއަދު ފަސްކުރި އިރު މިހާރު ކުރަން ހުރި މުހިއްމު މަސައްކަތްތަކުގެ ތެރޭގައި ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭރުފައިސާ މާރުކުރަން ލާޒިމުކޮށް މިދިޔަ އަހަރު ހެދި ގާނޫނަށް ހުށަހަޅާފައި ވާ އިސްލާހު ހިމެނެ އެވެ. ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި އެ ބިލުގެ ބޭނުމަކީ އުސޫލު ބަދަލުކޮށް ވިޔަފާރިތަކަށް ލުއި ދިނުމެވެ.

މަޖިލީހުން މިހާރު ކުރަން ހުރި އެހެން މަސައްކަތްތަކުގެ ތެރޭގައި ގަލްފުގެ ކަނޑުއޮޅިތައް ދިފާއުކުރަން ސައުދީއަރަބިއްޔާއިން އުފައްދާފައިވާ އިއްތިހާދުގައި ރާއްޖެއިން ބައިވެރިވުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ފޮނުވާފައިވާ މައްސަލަ ހިމެނެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި އަހަރަކު އޮންނަނީ ތިން ދައުރެވެ. އެއީ ފެބްރުއަރީ އެކަކުން އޭޕްރިލް 30 އާ ހަމައަށް އޮންނަ ފުރަތަމަ ދައުރާއި މެއި 16 އިން އޮގަސްޓް 15 އަށް އޮންނަ ދެވަނަ ދައުރާއި އޮގަސްޓް 27 އިން ފެށިގެން ނޮވެމްބަރުމަހުގެ ނިޔަލަށް އޮންނަ ތިން ވަނަ ދައުރެވެ.