ރައްޔިތުންގެ މަޖިލީހުގައި ކުރާ ބަހުސްތަކުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މެންބަރުން ދައްކަވާ ވާހަކައަށް އާއްމު ގޮތެއްގައި ރައްދު ނުދެއްވި ނަމަވެސް މިއަދުގެ ބަހުސްގައި ބައެެއް މެންބަރުންނަށް ރަައްދު ދެއްވައިފި އެވެ.
މިއަދުގެ ޖަލްސާގައި އަބްދުއްރަހީމް އެންމެ ފުރަތަމަ ރައްދު ދެއްވީ 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ "ރަބަ ސްޓޭމްޕް މަޖިލީހަކަށް" ބަދަލުވަމުންދާ ކަމަށް ވިދާޅުވެ، ގަލޮޅުދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ދެއްކެވި ވާހަކަ އަށެވެ.
ދުންފަތުން ނަގާ ޑިއުޓީ ކުޑަކުރަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި ބިލުގެ ބަހުސްގައި މީކާއީލް ވިދާޅުވީ ސަރުކާރު ޖަވާބުދާރީކުރުވަން މަޖިލީހަށް ކުރެވެން އޮންނަ މަސައްކަތެއް ނުކުރާތީ ހިތާމަކުރައްވާ ކަމަށެވެ.
"މި ރައްޔިތުންގެ މަޖިލީހަކީ އިއްޒަތްތެރި ރައީސް، ރަބަ ސްޓޭމްޕް މަޖިލީހަކަށް ވެއްޖެ ނަމަ އަޅުގަނޑުމެންނަށް 2029 ވެސް [ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު] ވެސް ގެއްލޭނެ، ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް ގެެއްލޭނެ،" މީކާއީލް ވިދާޅުވި އެވެ.
އެ ވާހަކައަށް ޖަވާބުދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ މެންބަރު މީކާއީލަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ވެސް މެންބަރެއް ކަމަށާއި އެ މަޖިލީހުގައި ކަން ހިނގައިދިޔަ ގޮތް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
"އިއްޒަތްތެރި މެންބަރަކީ ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް. ކަން ހިނގައި ދިޔަ ގޮތް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑެއް ނެތިން ރަބަރު ސްޓޭމްޕްގެ ވާހަކަ ދައްކާކަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.
މިއަދުގެ ބަހުސްގައި އަބްދުއްރަހީމް ރައްދު ދެއްވި އަނެއް ވާހަކައަކީ ދުންފަތުން ޑިއުޓީ ބޮޑުކުރުމުގެ ފަހަތުގައި އޮތީ ވައްކަން ކަމަށް ތުހުމަތުކުރައްވައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ދެއްކެވި ވާހަކަ އަށެވެ.
ދުންފަތުގެ ޑިއުޓީ ކުޑަކުރާ ބިލުގެ ބަހުސްގައި ޣަފޫރު ތަކުރާރުކޮށް ތުހުމަތުކުރެއްވީ ދުންފަތުގެ ޑިއުޓީ ބޮޑުކުރީ "ވައްކަމުގެ މާކެޓެއް އުފައްދަން" ކަމަށެވެ.
އެ މޭރުމުން ވާހަކަދައްކަވައި ނިންމަވާލެއްވުމުން ޣަފޫރަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނަށް ބަހުސްގައި ބައިވެރިވެވަޑައިނުގެންނެވޭ ކަމަށާއި ނަމަވެސް ވައްކަން ކުރި ސަރުކާރުތަކާ މެދު ރައްޔިތުން އަމަލުކުރިކޮށް މާޒީގައި ފެނިފައިވާ ކަމަށެވެ.
"އަދި ވައްކަން ކުރާ ސަރުކާރުތަކަށް ނޫނެކޭ ބުނެ، ހެޔޮ ވެރިކަމެއްގެ ބޭނުމުގައި 2023 ގައި ގެނައި މި ވެރިކަމުން، ރައްޔިތުންގެ މަޖިލީހުން ހެޔޮވެރިކަމެއް ގާއިމްކުރުމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި މެންބަރުން ދައްކަވާ ވާހަކަތަކަށް ރިޔާސަތުން އާއްމުގޮތެއްގައި ރައްދު ދޭނީ ރިޔާސަތަށް ފާޑުކިޔައި ނުވަތަ ތުހުމަތުތެއް ކުރާ ހާލަތުގަ އެވެ. އެއާ ހިލާފަށް ބަހުސްގެ ތެރެއަށް މާބޮޑަށް ވެެދެވަޑައިގަންނަވާތީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިއްޔަތުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އޭރު ފާޑުކިއުންތައް އަމާޒުވި އެވެ. ނަމަވެސް 20 ވަަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަބްދުއްރަހީމް މީގެ ކުރިން އެގޮތަކަށް އަމަލެއް ނުކުރައްވަ އެވެ.