މި ސަރުކާރުގެ މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ކަންކަމަކީ އެ މަނިކުފާނަށް ސެލިއުޓް ހައްގުވާ މަސައްކަތްތައް ކަމަށާއި 2028 ވަނަ އަހަރު ރިޔާސީ ދެ ވަނަ ދައުރެއް ރައީސަށް ދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

އއ. އުކުޅަހުގައި ރޭ ޕީއެންސީން ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތްއިރު ގައުމު އޮތީ ދަރުވާލާފައި ކަަމަށާއި އެކަން ކުރި މީހުން ތިބީ ފުރަތަމަ ތިން މަސް ތެރޭ ރާއްޖެ ބަނގުރޫޓްވާނެ ކަމަށް ހިސާބު ޖަހައިގެން ކަމަށެވެ.

ނަމަވެސް ކުރީ ސަރުކާރުތަކުން ނެގި ބޮޑެތި ދަރަނިތައް ދައްކަވަމުން ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަވަމުން ރާއްޖެ އަލުން ނަގައި ކޮޅަށް ޖެއްސެވީ ރައީސްގެ ހަރުދަނާ ލީޑާޝިޕްގެ ދަށުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

އއ. އުކުޅަހުގައި ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު އަދި ޕާޓީގެ އިސް ބައެއް ބޭފުޅުން. -- ފޮޓޯ: ޕީއެންސީ
އއ. އުކުޅަހުގައި ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު އަދި ޕާޓީގެ އިސް ބައެއް ބޭފުޅުން. -- ފޮޓޯ: ޕީއެންސީ

އެހެންވެ ރައީސް މުއިއްޒަށް ސެލިއުޓް ކުރައްވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ތިން އަހަރަށް ދާން ދިޔައިރު ބަނގުރޫޓެއް ނުވޭ، މުސާރަ ބަރާބަރަށް ދެވޭ. ކާޑުގެ ބާވަތްތައް ބަރާބަރަށް ލިބޭ. ތެޔޮ ބަރާބަރަށް ލިބޭ. އަސާސީ ހުރިހާ ހިދުމަތްތައް ބަރާބަރަށް ލިބޭ. ތަރައްގީގެ ހުރިހާ މަޝްރޫއުތަކެއް ހިނގަމުން އެބަދޭ. ދަރަނި އެބަ ދައްކާ. ލޯނެއް ނުނަގާ، ފައިސާ ޗާޕެއް ނުކުރޭ. އެހެންވީމަ ސެލިއުޓްކުރަން ޖެހެނީ ރައީސް މުއިއްޒަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެފަދަ ހުރިހާ ސަބަބަކަށްޓަކައި ރައީސް މުއިއްޒަށް 2028 ވަނަ އަހަރުގެ ވެރިކަން ދޭންޖެހޭ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

އއ. އުކުޅަހުގައި ޕީއެންސީގެ ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ޕީއެންސީ
އއ. އުކުޅަހުގައި ޕީއެންސީގެ ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ޕީއެންސީ

ރައީސް މުއިއްޒުގެ ވެރިކަމެއްގައި އަނިޔާވެރިކަން އިސް ނުކުރައްވާނެ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކަކީ ހަގީގަތްކަން މިއަދު ފެންނަނާނެ ކަމަށާއި މަގުތަކަކީ ރައްކާތެރިކަމާއި ހަމަޖެހުމާ އެކި ހިނގާބިނގާވެ އުޅެވޭނެ ތަންތަނަށް ވެފައިވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

އެމްޑީޕީން އެއްވެސް އަމާޒެއް ނެތި "އަނެއް ދިވެހިރާއްޖެ" އަށް ކުރި ދަތުރު "ދިވެހީންގެ ރާއްޖެއަށް" އަނބުރާލައްވައި ގައުމު ހަމަމަގަށް ގެނެސްދެއްވީ ރައީސް މުއިއްޒު ކަމަށާއި އެކަން ހަޖަމު ނުވެގެން އެކި ފަހަރު އެކި ދޮގު ބޭރަށް ނެރެ އިދިކޮޅުން އެކި ވާހަކަތައް ފަތުރަމުންދާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.