ސަރުކާރުގެ ސައިޒު ކުޑަކުރުމަށް، ސިޔާސީ މަގާމުތަކުގައި ތިބި މީހުން މަދުކުރުމުގެ އިދާރީ މަސައްކަތްތައް ވަރަށް ހަރުކަށިކޮށް ކުރިއަށް ގެންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގައި ރައީސް ވިދާޅުވީ ޕާފޯމަންސަށް ބަލައި ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކޮށް، ސަރުކާރުގެ ސައިޒު ކުޑަކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި، ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ. 

"ސަރުކާރުގެ ޕޮލިޓިކަލް އެޕޮއިންޓީޒުންގެ އަދަދު މަދުކުރުމަށް އަދި ސަރުކާރުގެ ހަރަދު ކުޑަކުރުމަށް ނިންމި ނިންމުން ވަރަށް ސްޓްރިކްޓްލީ ތަންފީޒުކުރެވިގެން ދާނެ،" ރައީސް ވިދާޅުވި އެވެ. 

"މިހާރު އެބަ ހިނގާ ކޮންމެ ދުވަހަކު އިދާރީ ބައިވަރު މަސައްކަތްތައް، ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުމަށް. ކޮންމެ ދުވަހަކު އެ މަސައްކަތް ހިނގާ. ރައީސް އޮފީހުން އެ މަސައްކަތް އެބަކުރޭ. އެ ޕްރޮސެސް ނިމުނީމާ މީގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން ދޫކޮށްލެވޭނެ، ވަޒީފާ އުވިގެންދާނެ."

ރައީސް ވިދާޅުވީ ސަރުކާރުގެ ބައެއް މިނިސްޓްރީތައް މަދުކުރުމަކީ އެ މަސައްކަތުގެ ދަށުން އެޅި ފުރަތަމަ ފިޔަވަޅު ކަމަށެވެ. އަދި ސިޔާސީ މުވައްޒަފުން މަދުކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތައް ނިމުމުން އޭގެ ތަފުސީލު އާންމުކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 

"އެއީކީ އިތުރު މަގާމުތަކެއް ނޫން. އެޑިޝަނަލް އެއްވެސް މަގާމެއް ނޫން. ހުސްވެފައި ހުރި ނޫނި އައްޔަންކުރަން ހުރި ޕޮޮޒިޝަންސްތަކަކަށް މީހުން ލަނީ."
ރައީސް މުއިއްޒު

ރައީސްގެ ކެބިނެޓުން މި މަހު އިސްތިއުފާ ދެއްވި މިނިސްޓަރުންގެ ތެރެއިން އާދަމް ޝަރީފާއި ތޯރިގް އިބްރާހީމްގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އިއްޔެ ހަމަޖެއްސެވުމުން އަމާޒުވެފައިވާ ފާޑުކިޔުމާ ގުޅޭ ގޮތުން ސުވާލުކުރުމުން ރައީސް ވިދާޅުވީ އާ ސިޔާސީ މަގާމަކަށް ބޭފުޅުން އައްޔަން ނުކުރައްވާ ކަމަށާއި އެ ތިން ބޭފުޅުން އައްޔަންކުރެއްވީ ހުސްވެފައިވާ މަގާމުތަކަކަށް ކަމަށެވެ. 

"އެއީކީ އިތުރު މަގާމުތަކެއް ނޫން. އެޑިޝަނަލް އެއްވެސް މަގާމެއް ނޫން. ހުސްވެފައި ހުރި ނޫނި އައްޔަންކުރަން ހުރި ޕޮޮޒިޝަންސްތަކަކަށް މީހުން ލަނީ،" ރައީސް ވިދާޅުވި އެވެ. 

މި ސަރުކާރު އުފެދުނީއްސުރެ ކެބިނެޓުގައި ތިއްބެވި އާދަމް ޝަރީފާއި ތޯރިގަކީ މި މަހުގެ 14 ގައި އިސްތިއުފާ ދެއްވި 10 މިނިސްޓަރުންގެ ތެރެއިން ދައުލަތުގެ އެހެން މަގާމަކަށް އައްޔަން ކުރެއްވި ފުރަތަމަ ދެ ބޭފުޅުންނެވެ. 

މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ސަރުކާރުގެ ހިންގުމަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށް ރައީސް މުއިއްޒު ކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ. 

ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓު ދަށްކުރަން ވެސް ފިނޭންސް މިނިސްޓްރީން ވަނީ ޕީސީބީ އަށް އަންގައިފަ އެވެ.