ރައީސަށް ގަޒްފުކުރި ކަމަށް ތުހުމަތުކުރާ މައްސަލާގައި ފުލުހުން "އަދަދު" ނޫހުގެ އޮފީސް ބަލައި ފާސްކޮށްފައި ވަނިކޮށް، އެފަދަ މައްސަލަތަކުގައި ނޫހެއްގެ އޮފީސް ފާސްކުރުމަކީ ފުލުހުންނަށް ލިބިގެންވާ ބާރެއް ކަމަށާއި އަދި އަދާކުރަންޖެހޭ ޒިންމާއެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި އިނގިރޭސިބަހުން ކުރެއްވި ޕޯސްޓެއްގައި އިހުސާން ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދޭކަމަށާއި ނަމަވެސް އެއީ މީހުންގެ އަބުރުކަތިލަން އޮތް މިނިވަންކަމެއް ނޫން ކަމަށެވެ. ގާނޫނުއަސާސީގައި އަސާސީ ހައްގުތަކާ ބެހޭ ގޮތުން ހުރި ބައެއް މާއްދާތަކުގައި އެކަން އޮތް ގޮތް މިނިސްޓަރު އެއާ އެކު ލިއުއްވި އެވެ. 

"ސީރިއަސް ތުހުމަތުތައް ހަދަހަދައިގެން ފެތުރުމަކީ ނޫސްވެރިކަމެއް ނޫން. ފުލުހުން ދަމަހައްޓަމުން އެދަނީ ގާނޫނުގެ ބާރާއި ގާނޫނުއަސާސީން ރައީސަށް ލިބިވަޑައިގެންފައިވާ ހައްގުތައް،" އިހުސާން ވިދާޅުވި އެވެ.

ޒިންމާދާރުކަމާ އެކު މިނިވަންކަން ބޭނުންކުރުމަކީ ޖަވާބުދާރީކުރުވުމާ އެކުގައި ހިނގާ ކަމެއް ކަމަށާއި "ގާނޫނަށް ވުރެ މަތީގައި އެކަކު ވެސް ނެތް" ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރޭ ފުލުހުން ވަނީ އަދަދުގެ "އައިޝާ" ޑޮކިއުމެންޓްރީ މައްސަލާގައި، އެ ނޫހުގައި ބޭނުންކުރާ އިލެކްޓްރޯނިކް އެކި އާލާތްތައް ބަލައި ސްޓްރޭޖް ޑިވައިސްތައް ފަދަ ތަކެތި ތަހުގީގުގެ ބޭނުމަށް ގެންގޮސްފަ އެވެ.

ރައީސް މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ އެ ޑޮކިއުމެންޓްރީއާ ބެހޭ ގޮތުން އިއްޔެ ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސާ ސުވާލުކުރުމުން އެ މަނިކުފާނު ވަނީ އޭގައި ކުރާ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވައިފަ އެވެ. އަދި އެ ޑޮކިއުމެންޓްރީ ހެދުމުގައި ބައިވެރިވި އެންމެހައި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.