ފުލުހުން ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމުގައި އަމަލުކުރާ މިންގަނޑުތައް ކަނޑައެޅުމުގެ އިހުތިޔާރު ލިބިފައި ނުވާކަމަށް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބުނެފި އެވެ.
"އަދަދު" ނޫހުން "އައިޝާ" ގެ ނަމުގައި ހެދި ޑޮކިއުމެންޓްރީގެ މައްސަލާގައި އެ ނޫހުގެ އޮފީހަށް ފުލުހުން ރޭ ވަދެ ފާސްކޮށް ގިނަ އަދަދެއްގެ ތަކެތި ވަނީ ގެންގޮސްފަ އެވެ.
އެ ކަމާމެދު މީޑިއާ ކޮމިޝަނުން ރަސްމީކޮށް އެއްޗެއް ނުބުނާތީ ފާޑުކިޔުން އިތުރުވަމުންދަނިކޮށް، އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގެ ދަށުން، އެ ކޮމިޝަނަކީ ރެގިއުލޭޓަރެއްގެ ހައިސިއްޔަތުން އިދާރީ ގޮތުން ކަނޑައަޅަންޖެހޭ މިންގަނޑުތައް ކަނޑައަޅައި ތަންފީޒުކުރާ އިދާރާއެއް ކަމަށެވެ.
"ފުލުހުންގެ ވުޒާރާއިން އެ ފަރާތުގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމުގައި ޢަމަލުކުރަންޖެހޭ މިންގަނޑުތައް ކަނޑައެޅުމުގެ އިހުތިޔާރު މި ކޮމިޝަނަށް ލިބިފައި ނުވޭ...،" އެ ބަޔާނުގައި ބުންޏެވެ.
ނަމަވެސް، މީޑިއާތަކުން އާންމުކުރާ ކޮންޓެންޓާ ގުޅުންހުރި މައްސަލަތައް ބަލައި ތަހުގީގު ކުރުމާއި އިދާރީ ފިޔަވަޅު އަޅަން ޖެހިއްޖެ ހިނދެއްގައި އެ ކަން ތަންފީޒު ކުރުމުގެ ޒިންމާ އަދާކުރާނެ ކަމުގެ ޔަގީންކަން އެ ކޮމިޝަނުން ވަނީ ދީފަ އެވެ.
އެ ޑޮކިއުމަންޓްރީގެ މައްސަލާގައި، އަދަދު ނޫހުގެ ހުސައިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފަ އެވެ.
ޕާސްޕޯޓް ހިފަހައްޓާފައިވަނީ، ޑޮކިއުމެޓްރީގައި ރައީސަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅޭ ތަހުގީގު ކުރިއަށްދާތީ ރާއްޖޭން ފުރައިގެން ހިނގައިދާނެ ކަމަށް ބުނެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ އެ ޑޮކިއުމެންޓްރީއާ ބެހޭ ގޮތުން އިއްޔެ ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސާ ސުވާލުކުރުމުން އެ މަނިކުފާނު ވަނީ އޭގައި ކުރާ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވައިފަ އެވެ.
އަދި އެ ޑޮކިއުމެންޓްރީ ހެދުމުގައި ބައިވެރިވި އެންމެހައި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.