ހިމާޔަތްކޮށްފައިވާ ބާވަތެއްގެ މަސް ބާނައިފި ނަމަ 500،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން އަދި އެ ފަދަ މަހެއް ނުވަތަ މަހެއްގެ ބައެއް ބޭރުކޮށްފި އެއް މިލިޔަން ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރެވޭ ގޮތަށް ގާނޫނު ބަދަލުކުރަން ސަރުކާރުން ހުށަހެޅި ބިލުގެ ބަހުސް މިއަދު ފަށައިފި އެވެ. 

ސަރުކާރުގެ ފަރާތުން ތިނަދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އަލްސަން އަހުމަދު ހުށަހެޅުއްވި އެ ބިލުގެ ފުރަަތަމަ ކިއުން، މިމަހުގެ 20 ވަނަ ދުވަހު އިއްވުމަށް ފަހު އިބްތިދާއީ ބަހުސް ފެށީ މިއަދު އެވެ.

ހިމާޔަތްކޮށްފައިވާ ބާވަތްތަކުގެ މަސް ބޭނުމަކީ ގާނޫނީ ކުށެއް ކަމަށް، މިހާރު އަމަލުކުރަމުން އަންނަ މަސްވެރިކަމުގެ ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައެއް ނެތެވެ. އޭގެ ބަދަލުގައި މިހާރު އޮތީ އެ ގާނޫނުގެ ދަށުން ހަދާ ގަވައިދަކުން ކުށެއް ކަމަށް ކަނޑައަޅާ ކަންތައްތަކަކީ ކުށަށް ވާ ގޮތަށެވެ. އެ ގާނޫނުގެ 77 ވަނަ މާއްދާގައިވާ ގޮތުން އެފަދަ ގަަވައިދަކުން ކުށެއް ކަނޑައަޅާ ކަންތައްތަކަށް އޮތީ ޖުމްލަކޮށް އެއް އަދަބެކެވެ. އެއީ އެފަދަ ކަމެއް ކުރާ މީހަކު 5،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

އެ އަދަބު ވެސް އޮތީ ގާނޫނު ތަންފީޒުކުރާ މިނިސްޓްރީ (ފިޝަރީޒް މިނިސްޓްރީ)ގެ އިހުތިޔާރަށް ދޫކޮށްލާފަ އެވެ.

އަލްސަން ހުށަހެޅުއްވި ބިލުގައި އެ މާއްދާ ބަދަލުުކުރަން ހުށަހަޅާފައި އޮތީ ހިމާޔަތްކޮށްފައިވާ ބާވަތްތަކުގެ މަސް ބޭނުމާއި އެފަދަ މަހެއް ނުވަތަ މަހެއްގެ ބައެއް ރާއްޖެއިން ބޭރުކުރުމަކީ ކުށެއް ކަމަށް ކަނޑައަޅާށެވެ.

އަލްސަން ހުށަހެޅުއްވި ބިލުގައި އޮތީ ހިމާޔަތްކޮށްފައިވާ މަހެއް ބާނާ މީހަކު ނަމަ 500،000ރ. އަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމަށާއި ހިމާޔަތްކޮށްފައިވާ ބާވަތެއްގެ މަހެއް ނުވަތަ މަހެއްގެ ބައެއް ރާއްޖޭން ބޭރުކުރާ މީހުން އެއް މިލިޔަން ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމަށެވެ.

މަސްވެރިކަމަށް ގެއްލުން ލިބޭ އެހެން އެތައް ކަމެއް ވެސް ކުށުގެ ގޮތުގައި ގާނުނޫނުގައި ހިމަނަން ވެސް އެ ބިލުގައި ހުށަހަޅާފައި ވެ އެވެ. މަސްވެރިކަމުގެ ވަސީލަތްތަކަށް ގެއްލުން ދިނުމަކީ އެގޮތުން ކުށެއް ކަމަށް ކަނޑައަޅަން އެ ބިލުގައި އެބަ އޮތެވެ. އެފަދަ ކުށެއް ކުރާ މީހެއްގެ އަދަބަކީ 200،000ރ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.