އަމިއްލަ ކުންފުންޏަކުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދައްކަން ޖެހޭ ލޯނެއް ނުދައްކާތީ ބީއެމްއެލް އިން ވިއްކާލަން އިއުލާނުކޮށްފައި ވަނިކޮށް، ސަރުކާރުން ގަނެފައިވާ ފުނައްޑޫ މަސްފެކްޓްރީ އަމިއްލަ ބަޔަކާ ހަވާލުކޮށް، މަރާމާތުކޮށްގެން އަންނަ ޑިސެމްބަރު މަހު ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ޝާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ފުނައްޑޫ އޮޕަރޭޝަނަށް ގެންނަން ޕްރައިވެޓް ކުންފުންޏަކަށް ދީފައިވާ ކަމަށާއި މި އަހަރުގެ މަސްވެރިންގެ ދުވަހު އެތަނަށް މަސް ގަންނަން ފަށާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވާ ކަމަށެވެ.
"ތ.އަތޮޅު ފުނައްޑުއަކީ އިރެއްގައި މަސްވެރިކަމުގެ ހަރަކާތްތަކެއް ހިނގާފައި އޮތް ތަނެއް. އެހެން ނަމަވެސް އެތަން ހަމަ ވީރާނާވެފައި ހުރި ކަހަލަ ގޮތަކަށް މި ހުރީ. ހުއްޓާ އަޅުގަނޑުމެން މިވަނީ ޕްރައިވެޓް ކުންފުންޏަަކަށް، ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމަށްޓަކައި ދީފައި،" ޝިޔާމް ވިދާޅުވި އެވެ.
އަމިއްލަ ކުންފުންޏަކާ ފުނައްޑޫ ހަވާލުކުރި ކަމަށް ވިދާޅުވި ނަަމަވެސް އެއީ ސީދާ ކޮން ކުންފުންޏެއްކަން އޭނާ ވިދާޅެއް ނުވެ އެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފުނައްޑޫ މިފްކޯއަށް ގަތުމަށް ފަހު އޮޕަރޭޝަން ނުފަށާތީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އޭރުގެ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން 2022 ވަނަ އަހަރު ވިދާޅުވެފައިވާ ގޮތުގައި އެ ފެކްޓްރީ އޮޕަރޭޝަނަށް ގެންނަން 10.2 މިލިއަން ޑޮލަރު (157.3 މިލިއަން ރުފިޔާ) ހަރަދު ކުރަން ޖެހެ އެވެ.
މިފްކޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަނަސް "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުގެ ދުަވަސްވަރު ފުނައްޑޫ ގަތީ މިފްކޯއަށް ކަމަށް ވިޔަސް، ހަމަ އޭރު އެ ރަށް އޮތީ ފިޝަރީޒް މިނިސްޓްރީ އާ ހަވާލުކޮށްފަ އެވެ.
ސަރުކާރުން ގަނތް އިރު ބޭނުން ނުކުރެވޭ ވަރަށް ވީރާނާވެފައި އޮތް ފުނައްޑުއަކީ ތ. ތިމަރަފުށި ކައިރީގައި އޮންނަ ރަށެކެވެ. ބޭންކަށް އެރަށް ނެގީ އެރަށް ހިންގަމުން އައި ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑުން އެ ރަށް ރަހުނުކޮށްގެން ބީއެމްއެލް އިން ނަގާފައި އޮތް ލޯނެއް ނުދައްކައިގެންނެވެ. އެ ކުންފުންޏަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒްގެ ހިއްސާވާ ކުންފުންޏެކެވެ.