އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޒާހިދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް (މުންދު) "މިހާރު" އަށް އެކަން ކަށަވަރު ކޮށްދެއްވި ނަމަވެސް ސަބަބު ވިދާޅެއް ނުވެ އެވެ.

އީސީގެ ނައިބު ރައީސް އަބްދުއްރަހްމާން ސޮލާހު ރަޝީދު ވެސް ވިދާޅުވީ، އެ ކޮމިޝަންގެ ރައީސް ޒާހިދު މަގާމުން އިސްތިއުފާ ދެއްވި ވާހަކަ އެންގެވި ނަމަވެސް އޭގެ ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށެވެ. 

އީސީގެ މެމްބަރަކަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޒާހިދު އައްޔަން ކުރެއްވުމަށް ފަހު، އޭނާ އަށް އެ ކޮމިޝަންގެ ރައީސްކަން ދެއްވީ ޖެހިގެން އައި ފެބްރުއަރީ 17 ވަނަ ދުވަހު އެވެ. 

އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން އެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމުގެ ބާރު ދީފައި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު، ރައީސުލްޖުމްހޫރިއްޔާއަށެވެ.

ޒާހިދުގެ ލީޑަޝިޕްގައި މިދިޔަ އެއް އަހަރުގެ ތެރޭގައި ނެގި އެންމެ މުހިންމު އެއް ވޯޓަކީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންނަށް ފެންނަ ނުފެންނަ ގޮތް ބަލަން މިދިޔަ މަހު ބޭއްވި ވޯޓާއި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބެވެ. 

އޭގެ ތެރެއިން ފެންނަ ނުފެންނަ ވޯޓުގައި، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ ވަނީ ބޮޑު ބައްޔަކުން ބަލިވެފަ އެވެ. 

އޭގެ ފަހުން އީސީން މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ ޖޫން ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލިހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ބާއްވާށެވެ. 

ޒާހިދަކީ މީގެ ކުރިން ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެ ކޮމިޝަނުން ވަކިކުރީ ކުރީގެ މަޖިލީހުގައި އޭނާގެ އިތުބާރު ނެތް ކަމަށް ފާސްކުރުމުންނެވެ.