ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ބޯޑުގައި ތަމްސީލުކުރާ ދާއިރާތައް ބަދަލުކޮށް، ސީއީއޯގެ ޝަރުތުތައް ހަރުކަށިކޮށްފި އެވެ.

އެ އިދާރާއިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ 2014 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި އެންޑީއޭ ބޯޑުގެ ހިންގާ ގަވައިދަށް ފުރަތަމަ އިސްލާހު ގެނެސްފަ އެވެ. 

އޭގެ ތެރޭގައި؛

- އެންޑީއޯ ބޯޑުގައި ކުރިން 10 އިދާރާއެއްގެ މެމްބަރުން ތަމްސީލުކުރި. އެކަމަކު، ރައީސް އޮފީސް، ޑިފެންސް މިނިސްޓްރީ، އިމިގްރޭޝަން އަދި ކަސްޓަމްސްގެ ބަދަލުގައި އެހެން އިދާރާތައް ވަނީ ހިމަނާފައި. 

އަލުން ހިމަނާފައިވަނީ؛

- އިޖުތިމާއީ ރައްކާތެރިކަމާބެހޭ މިނިސްޓްރީގައި އެ ސިޔާސަތުތައް ތަންފީޒުކުރާ މުވައްޒަފުންގެ ތެރެއިން އެ މިނިސްޓްރީއަކުން ކަނޑައަޅާ މީހެއް

- ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ސަރުކާރުގެ މިނިސްޓްރީގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެ މިނިސްޓްރީއަކުން ކަނޑައަޅާ މީހެއް

- ކަރެކްޝަނަލް ސާވިސްގެ ބަންދުގައި ތިބޭ މީހުންނަށް މަސްތުވާތަކެތީގެ ފަރުވާ ދިނުމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެ ސާވިސްއިން ކަނޑައަޅާ މީހެއް

އެ އުސޫލަށް ދެން ގެނައީ ސީއީއޯގެ ޝަރުތާ ގުޅޭ އިސްލާހެވެ. އެ މަގާމަށް ކުރިން ކަނޑައަޅާފައިވަނީ  ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއިން ތައުލީމް ހާސިލުކޮށްފައިވާ ނަމަ އެވެ. އެއިން ދާއިރާއަކުން މާސްޓާސް ޑިގްރީއަށް ވުރެ މަތިން ފުރިހަމަކޮށްފައިވާ ނަމަ ދެ އަހަރުގެ ތަޖުރިބާ ހުންނަން ޖެހެ އެވެ. އަދި އެ އަށް ވުރެ ދަށުން ތައުލީމް ހާސިލްކޮށްފައިވާ ނަމަ ފަސް އަހަރުގެ މަސައްކަތު ތަޖުރިބާ ހުންނަން ޖެހޭނެ ކަމަށް ފަހުން ގެނައި އިސްލާހުގައި ބުންޏެވެ.

އެ ޝަރުތުތައް ކުރިން އޮންނަ ގޮތުން ބިޒްނަސް މެނޭޖްމަންޓް/ޕަބްލިކް އެޑްމިނިސްޓްރޭޝަން/ހިއުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ ސޯޝަލް ސައިންސްއިން ފުރަތަމަ ޑިގްރީ ނުވަތަ މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވާ ނަމަ ހިންގުމުގެ ދާއިރާގައި ފަސް އަހަރު އަދި ސީނިއާ މެނޭޖްމަންޓުގައި 10 އަހަރުގެ ތަޖުރިބާ ހުންނަން ޖެހެ އެވެ.

އެންޑީއޭ އަށް ކުރިން ސީއީއޯ އައްޔަންކުރަނީ ތިން އަހަރަށެވެ. އެކަމަކު، އެ މުއްދަތު މިހާރު ވަނީ ފަސް އަހަރަށް އިތުރު ކޮށްފަ އެވެ.

އާއްމުންގެ ފާޑުކިޔުންތައް ބޮޑު އެންޑީއޭގައި މި ވަގުތު ސީއީއޯއެއް ނެތެވެ. އެ ތަން ހިންގުމާ ޖުލައި 2024 އިން ފެށިގެން ހަވާލުވެ ހުންނެވީ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާޝިދެވެ. އެއީ ކުރިން އެ މަގާމުގައި ހުންނެވި އިމާދު ސޯލިހު ވަކިކުރުމަށް ފަހުގަ އެވެ.