ޒާތީ މައުލޫމާތު ރައްކާތެރިކުރަން ގާނޫނެއް ހެދުމަށް ބިލެއް ރައްޔިތުންގެ މަޖިލީހަށް ވަރަށް ހުށަހަޅާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވިދާޅުވީ "ޑޭޓާ ޕްރޮޓެކްޝަން" ނުވަތަ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލެއް މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް އެ އޮފީހުން ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް ދެތިން ދުވަހެއްގެ ތެރޭގައި މަޖިލީހަށް އެ ބިލް ހުށަހަޅާނެ އެވެ.
އެ ބިލްގެ މަގުސަދަކީ ބަންޑާރަ ނައިބު ވިދާޅުވި ގޮތުގައި އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ މަގުސަދުގައި ހާމަކަން ބޮޑު އަދި ޖަވާބުދާރީ ކުރުވަނިވި ގޮތެއްގައި މައުލޫމާތު އެއްކުރުމާއި ޕްރޮސެސް ކުރުމާއި ބޭނުން ކުރުމުގެ ނިޒާމެއް ގާއިމް ކުރުމެވެ.
އަދި ޒާތީ މައުލޫމާތު އެއްކޮށް ޕްރޮސެސް ކުރާ މީހުންގެ ޒިންމާތައް ކަނޑައަޅައި، އެ ފަރާތްތައް ރެގިއުލޭޓް ކުރާ އުސޫލުތައް ބަޔާން ކުރުމަކީ ވެސް ބިލުގެ މަގުސަދެއް ކަމަށް އުޝާމް ވިދާޅުވި އެވެ.
އުޝާމް ވިދާޅުވި ގޮތުގައި އެ ބިލުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން ކުރަމުންދާތާ ވަރަށް ގިނަ ދުވަސްވެއްޖެ އެވެ. ބިލު ފަރުމާކޮށްފައިވަނީ އުޝާމް ވިދާޅުވި ގޮތުގައި ބޭރުގެ އެކި ފަރާތްތަކުގެ ފަންނީ އެހީތެރިކަމާ އެކު އެވެ.
އޭގެއިތުރުން "މޯލްޑިވްސް 2.0"ގެ ދަށުން ހިންގާ ޑިޖިޓަލައިޒޭޝަންގެ ތެރެއިން އިތުރު ތިން ބިލެއް މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ތެރޭގައި ޑިޖިޓަލް ޓްރާންސްފޯޝޭނަން ބިލެއް ހިމެނެ އެވެ. އެ ބިލުގެ ދަށުން މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފައްދާނެ އެވެ. އަދި ޑިޖިޓަލް އައިޑެންޓިޓީއާ ގުޅޭ ބިލެއް ވެސް ހުށަހަޅަން ވަނީ ތައްޔާރުވެފަ އެވެ.
އޭގެ އިތުރުން ސައިބަ ސެކިއުރިޓީއާ ގުޅޭ ބިލެއް ވެސް އުޝާމް ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ އެ ބިލްގެ ބޭނުމަކީ ސައިބަ ވެށީގެ ރައްކާތެރިކަން ކަށަވަރުކޮށް، ދައުލަތުގެ އަދި އަމިއްލަ ދާއިރާގައި ހިމެނޭ މުހިންމު އުމްރާނީ ވަސީލަތްތަކާ ގުޅިފައިވާ ސިސްޓަމްތަކުގައި ފުރިހަމަވާން ޖެހޭ ކަންކަން ކަނޑައެޅުމެވެ.
ބިލްގެ ދަށުން ސައިބަ ސެކިއުރިޓީ އެޖެންސީއެއް ގާއިމް ކުރާނެ ކަމަށް ވެސް ބަންޑާރަ ނައިބު ވިދާޅުވި އެވެ.