އައްޑޫގެ ވިޔަފާރިތަކަށް ސަރުކާރުން ދޭން ނިންމާފައިވާ ލުއިތަކާ ބެހޭ މައުލޫމާތު ވިޔަފާރިވެރިންނަށް ދޭން އަންނަ ހަފުތާގައި ފޯރަމެއް ބާއްވަން ނިންމައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި މީޑިއާ ބްރީފިންއެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ހާއްސަކޮށް އައްޑޫގެ ވިޔަފާރިވެރިންނަށް އަދި އާއްމުކޮށް ހުރިހާ ވިޔަފާރިވެރިންނަށް ހުޅުވާލައިގެން ބާއްވާ އެ ފޯރަމް ބާއްވާނީ އަންނަ ހަފުތާގެ ބުދަ ދުވަހާއި ބުރާފަސްތި ދުވަހު ކަމަށެވެ.

ފޯރަމްގައި މައލޫމާތު ދޭނީ ވިޔަފާރި އާއި އިންވެސްޓްމަންޓާއި ޓްރާންސްޕޯޓް އަދި މަސައްކަތްތެރިންނާ ގުޅޭ ދާއިރާތަކުންން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ފޯރަމްގައި ވިޔަފާރިވެރިންނަށް މައުލޫމާތު ދެއްވާނީ ސައީދު ވިދާޅުވި ގޮތުގައި އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ވިޔަފާރީގެ އެކި ދާއިރާތަކާ ގުޅުން ހުރި  މުއައްސަސާތަކަކުންނެވެ. 

"މި މަހުގެ 13 ވަނަ ދުވަހާއި 14 ވަނަ ދުވަހު، އައްޑޫގެ ވިޔަފާރިވެރިންނަށް ހާއްސަކޮށް، މިސާލަކަށް ދެކުނުގެ ސަރަހައްދުތަކާއި އައްޑޫގެ ވިޔަފާރިވެރިނަންނަށް ހުޅުވާލައިގެން އަދި އައްޑޫ އަތޮޅުގެ ނުވަތަ އައްޑޫ ސިޓީގެ ބޭފުޅުންގެ ގޮތުގައި މާލެ ސަރަހައްދުގައި ނުވަތަ ޓުއަރިޒަމް އިންޑަސްޓްރީ އާއި އެކި ސިނާއަތްތަކުގައި ވެސް އުޅުއްވާ ބޭފުޅުންނަށް ވެސް ދައުވަތު ދީގެން އަދި ޖުމްލަކޮށް، އާއްމުކޮށް ހުރިހާ ވިޔަފާރިވެރިންނަށް ވެސް ބައިވެރިވެވޭ ގޮތަށް އައްޑޫގައި މި ފޯރަމް ގެންދަން ކުރިއަށް ގަސްދުކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ. 

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

އޭނާ ވިދާޅުވި ގޮތުގައި އެ ފޯރަމްގެ ބޭނުމަކީ 2027، 2028 އަދި 2029 އަށް އައްޑޫގައި ވިޔަފާރިކުރާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ދޭން، ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކުރަން ފެށުމެވެ. ހަމަ އެގޮތަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެ ފަދަ ލުއިތައް ދެއްވަން ރައީސް ކަނޑައަޅުއްވާފައިވާ ކަމަށާއި އެ ސިޔާސަތުގެ ބޭނުމަކީ އެ ސަރަހައްދުތަކަށް ވިޔަފާރި ގެންދިއުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފޯރަމް ބާއްވަން އައްޑު އަށް ކުރާ ދަތުރުގައި، ހިތަދޫ ޕޯޓްގައި ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ތައާރަފްކުރާ "ފްރީ ޒޯން"ގެ މަސައްކަތް ފެށުން ވެސްް ބާއްވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޕީއެލް އިން އަންނަނީ މިހާރު އެކަމަށް ތައްޔާރުވަމުންނެވެ.