ވިޔަފާރި ކުރާ ތަންތަނުގައި ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި އަގު ނުޖަހާނަމަ ފިޔަވަޅު އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާގެ ދަަށުން ވިއްކާ މުދަލުގެ އަގަކީ ކޮބައިކަން މުދާ ގަންނަ ފަރާތަށް ސާފުކޮށް އެނގޭގޮތަށް ހުންނަން ޖެހޭނެ އެވެ. އެ ނޫން ގޮތަކަށް އެއްވެސް މުދަލެއް ވިއްކަން ބެހެއްޓުމަކީ މަނާކަމެކެވެ.
މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މުދަލުގައި އަގު ޖަހާފައިވާ ކަމަށް ބެލެވޭނެ މިންގަނޑު ވެސް އާންމުކޮށްފަ އެވެ.
އަގު ޖަހާފައިވާ ކަމަށް ބެލެވޭނެ މިންގަނޑު
- މުދަލުގެ އަގު ސީދާ އެ މުދަލެއްގައި ލިޔެ، ޕްރިންޓްކޮށް ނުވަތަ ހަރުކޮށްފައި ހުރުން
- އެ މުދަލެއް ބަހައްޓާފައި ހުރި ތަނެއްގައި މުދަލުގެ އަގު ލިޔެފައި ނުވަތަ ހަރުކޮށްފައި ހުރުމާއެކު، އެއީ ކޮން މުދަލެއްގެ އަގެއްކަން އެނގޭގޮތަށް ހުރުން
މުދާ ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި، ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަގު ސާފުކޮށް ފެންނަން ހުންނާނޭހެން ބެހެއްޓުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ގާނޫނުގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތަށް މުދާ ވިއްކާ މީހުން އަމަލުކުރޭތޯ ބެލުމަށްޓަކައި، އެ ގާނޫނުގެ 66 ވަނަ މާއްދާގެ ދަށުން އިންސްޕެކްޓްކޮށް މޮނިޓާ ކުރާނެ ކަމަށައި ގާނޫނާއި ހިލާފަށް އަގު ނުޖަހައި ވިޔަފާރިކުރާ ފަރާތްތަކާމެދު، ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް މިނިސްޓްރީން ވަނީ އިންޒާރު ދީފަ އެވެ.