ބާ ވެހިކަލްތައް ނައްތާލާ ގޮތަށް ގާނޫނުގައި އޮތް ނަމަވެސް އެކަން ކުރާނީ ބަދަލު ދީފައި ކަމަށް، އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި، ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން ސައީދު ވިދާޅުވީ މާލޭގެ ތޮއްޖެހުން ހައްލުކުރަން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. ވެހިކަލްތައް މުސްކުޅި ކުރުމަކީ އޭގެ ތެރެއިން ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް މި ފަހުން ގެނައި އިސްލާހުގައި ވަނީ އެއްގަމު އުޅަނދު ދުއްވޭނީ އެ އުޅަނދެއް އުފެއްދި ތާރީހުން ފެށިގެން ގިނަވެގެން 20 އަހަރު ވަންދެން ކަމަށް ކަނޑައަޅައިފަ އެވެ. އެ މުއްދަތު ހަމަވުމުން އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރުމަށާއި އޭގެ ކުރިން އުޅަނދުގެ ވެރިފަރާތަށް އެކަމުގެ ނޯޓިސް ފޮނުވަން ވެސް ހިމަނާފައިވެ އެވެ.

މި ކަން ކުރާނެ ގޮތް ގަވާއިދުގައި ކަނޑައަޅަން ޖެހޭނެ އެވެ. ސައީދު ވިދާޅުވީ ވެހިކަލްތައް ނައްތާލާނީ އާއްމުންނަށް ތަކުލީފު އުފުލަން ނުޖެހޭ ގޮތަށް ކަމަށެވެ.



"ވެހިކަލެއް މުސްކުޅި ކުރަންޖެހޭ ހާލަތެއް އައިސްގެން، މިސާލަކަށް ހައްލުކުރަން ޖެހުނަސް އެ ވެހިކަލެއްގެ އޭރުގެ އަގު، ކޮންމެވެސް ތާޑް ޕާޓީއަކުން އެސެސްކޮށްފައި ނޫން ގޮތަކަށް އަދި އެއަށް ބަދަލެއް ގެނެސްފައި ގޮތަކަށް އެކަމެއް ނުވެސް ކުރާނެ އޭނައަށް ވެހިކަލެއް ލިބޭ ގޮތަށް ހަދާފައި ނޫނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިހާރު ބޭނުންކުރާ އުޅަނދުތަކުގެ ތެރެެއިން 18-20 އަހަރާ ދެމެދުގެ މުއްދަތެއް ވެފައިވާ އުޅަނދުތައް އިތުރަށް ބޭނުންކުރުމަށް، ގާނުނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިން އަހަރު ދުވަހުގެ މުހުލަތެއް ދީފައިވެ އެވެ. 

ބާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރުމުގެ އުސޫލު ތަންފީޒުކުރަން، އެ މާއްދާގައި ހިމަނާފައިވާ އުސޫލުގައިވާ ގޮތުން އާ ގާނޫނުގެ ދަށުން އުޅަނދެއް ރަޖިސްޓްރީ ކުރާ އިރު އުޅަނދު އުފެއްދި ތާރީހު، ރަޖިސްޓްރީގައި ހިމަނާނެ އެވެ.