އަތޮޅުތެރޭގެ ރަށްރަށުގައި ބޭނުންކުރާ ދެ ކެޓަގަރީއެއްގެ އުޅަނދުތައް ރަޖިސްޓްރީކުރަން ސަރުކާރުން ލުއިތަކެއް ދީފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އަތޮޅުތެރޭގައި ބޭނުންކުރާ ބައެއް އެއްގަމު އުޅަނދުތައް، ތަފާތު ސަބަބުތައް މެދުވެރިވެގެން ރަޖިސްޓަރީ ނުކުރެވި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެފަދަ އުޅަނދުތައް ރަޖިސްޓްރީކުރުމަށް ހުށަހަޅަން ލާޒިމުވާ ބައެއް ލިޔެކިޔުންތައް ވެރިފަރާތުގެ އަތުގައި ނެތުމުގެ ސަބަބުން އުޅަނދުތައް ރަޖިސްޓްރީކުރުމަށް ކުރިމަތިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

މިހާރު ވަނީ ފަސިންޖަރުންނާއި މުދާ އުފުލުމަށް ބޭނުންކުރާ C3 އަދި C4 ކެޓަގަރީގެ، ތިން ފުރޮޅުލީ (ބަގީ އަދި ރަށު ޕިކަޕު ފަދަ އުޅަނދުތައް) އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 14 ވަނަ މާއްދާގެ ދަށުން، އަމިއްލަ ބޭނުމަށް ރަޖިސްޓްރީކޮށްދެވޭ އުޅަނދުތަކެއްގެ ގޮތުގައި މިހާރު ގިންތިކޮށްފަ އެވެ.

އެހެންވެ އެ ކެޓަގަރީތަކުގެ އުޅަނދުތައް އަމިއްލަ މީހުންގެ ނަންމަތީގައި މިހާރު ރަޖިސްޓްރީ ކޮށްދެވޭނެކަމަށާއި މީގެ ކުރިން ހަމަޖެހިފައިވާގޮތަށް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އުޅަނދުތައް ރަޖިސްޓްރީކުރުމާ ގުޅިގެން ދައްކަންޖެހޭ ފީތައް މާފުކޮށްދޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން، އިމްޕޯޓު ކުރިތާ ގިނަ ދުވަސްވުމުގެ ސަބަބުން ނުވަތަ ރަޖިސްޓްރީކުރުމަށް ލާޒިމުކުރުމުގެ ކުރިން ރާއްޖެ އެތެރެކޮށް އަތޮޅުތެރޭގައި ބޭނުންކުރަމުންދާ އުޅަނދުތައް، ރަޖިސްޓްރީކުރަން ބޭނުންވާ ބައެއް ލިޔެކިޔުންތައް ވެރިފަރާތްތަކުގެ އަތުގައި ނެތުމުން ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެ އުޅަނދެއްގެ ރޯޑްވާދިނަސް ލިޔުމަށް ބަލައި ރަޖިސްޓްރީކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޓްރާންސްޕޯޓުން ބުންޏެވެ.