މާލެ ސަރަހައްދުގައި އަމިއްލަ ބޭނުމަށް އެއް ވެހިކަލަށް ވުރެ ގިނަ ވެހިކަލް ރަޖިސްޓަރީ ކުރާ ނަމަ "މަލްޓިޕްލް އޯނާޝިޕް ފީ"ގެ ނަމުގައި ނަގާ ފީއެއް އެއްގަމު ދަތުުރުފަތުރުގެ ގާނޫނުން ތައާރަފްކޮށްފި އެވެ.

އިއްޔެ ތަސްދީގުކޮށް އަމަލުކުރަން ފެށި އެއްގަމު ދަތުރުފަތުގެ ގާނޫނުގެ 99 ވަނަ މާއްދާގައިވާ ގޮތުން މާލެ ސަރަހައްދުގައި އަމިއްލަ ފަރުދެއްގެ ނަމުގައި ނުވަތަ ގާނޫނީ ޝަހުސެއްގެ ނަމުގައި ރަޖިސްޓަރީކުރާ އެއްގަމު އުޅަނދުގެ އަދަދު ދެއަކަށް ވުރެ އިތުރުވާ ނަމަ ނުވަތަ އެއް ބާވަތެއްގެ އުޅަނދުގެ އަދަދު އެކަކަށް ވުރެ އިތުރުވާ ނަމަ އަހަރަކު އެއްފަހަރު ދައްކަން ޖެހޭ ފީއެއް އޮވެ އެވެ. 

އެ ގާނޫނުގައިވާ ގޮތުން ދައްކަންޖެހޭ ފީ ކަނޑައަޅާނީ އިންޖީނުގެ ކެޕޭސިޓީއަށް ބަަލައިގެންނެވެ. 

މަލްޓިޕުލް އޯނާޝިޕް ފީގެ އަދަދުތައް

އެއްގަމު ދަތުރުފަތުރުގެ ގާނޫނު ތަސްދީގުކުރާ ތާރީހުން ފެށިހެން ހަ މަހުގެ މުއްދަތެއް ދިނުމަށްފަހު، އަމަލުކުރަން ފަށަން ޖެހޭގޮތަށް ހިމަނާފައިވާ އެ ފީ ކަނޑައަޅާފައި އޮތީ ދެ ކެޓަގަރީއަކަށެވެ. އެއީ ސައިކަލާއި އިންޖީނުލީ ބައިސިކަލް ކެޓަގަރީ އާއި އެ ނޫން ވެހިކަލްތަކުގެ ކެޓަގަރީ އެވެ.

ސައިކަލުން ފީ ނަގާ ރޭޓްތަކަކީ:

  1. އިންޖީނުގެ ކެޕޭސިޓީ 50 ސީސީ ހަަމަނުވާ އުޅަނދުތަކަށް: އަހަރަކު 360ރ.
  2. އިންޖީނުގެ ކެޕޭސޓީ 50 ސީސީއާއި 100 ސީސީއާ ދެމެދު: އަހަރަކު 720ރ.
  3. އިންޖީނުގެ ކެޕޭސިޓީ  100 ސީސީއާއި 150 ސީސީއާ ދެމެދު: އަަަހަރަކު 1،296ރ.
  4. އިންޖީނުގެ ކެޕޭސިޓީ 150 ސީސީ އިން މަތި 200 ސީސީ ހަމަނުވާ : 2،304ރ.
  5. އިންޖީނުގެ ކެޕޭސިޓީ 200 ސީސީ އިން މަތި 400 ސީސީ ހަމަނުވާ: 12،960ރ.
  6. އިންޖީނުގެ ކެޕޭސިޓީ 400 ސީސީ އިން މަތި: 17،280ރ.

އެ ގާނޫނުގައިވާ ގޮތުން ކާރާއި ވޭން އަދި ޖީޕް ފަދަ އުޅަނދުތައް  އެކަކަށް އެއް އުޅަނދަށް ވުރެ ގިނައިން ރަޖިސްޓްރީ ކުރާ ނަމަ އިންޖީނުގެ ކެޕޭސިޓީއަށް ބަލައި އަހަރަކު 4،320ރ. އިން ފެށިގެން 22،480ރ. އާ ހަަމައަށް ފީ ދައްކަން ޖެހޭނެ އެވެ.

މުދާ އުފުލާ އުޅަނދުތަކަށް، އުފުލޭ ބަރުދަނަށް ބަަލައި އަހަރަކު 3،600ރ. ފެށިގެން 15،000ރ. އާ ހަމައަށް ފީ ދައްކަން ޖެހޭނެ އެވެ.