ރާއްޖޭގައި އެއްގަމު އުޅަނދެއް ދުއްވޭނީ އެ އުޅަނދެއް އުފެއްދި ތާރީހުން ފެށިގެން ގިނަވެގެން 20 އަހަރު ވަންދެން ކަމަށް ކަނޑައަޅައި، މިހާރު ހުރި ބާ އުޅަނދުތަކަށް ތިން އަހަރުގެ މުއްދަތެއް ދޭން އިއްޔެ ފާސްކުރި "އެއްގަމު ދަތުރުފަތުރުގެ ގާނޫނު"ގެ ބިލްގައި ކަނޑައަޅައިފި އެވެ.    

ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބް ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރީ، ދުއްވާ ވެހިކަލްތަކުގެ އުމުރު ކަނޑައަޅަން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން އިތުރުކުރި މާއްދާއަކާ އެކުގަ އެވެ.

އެ މާއްދާގައިވާ ގޮތުން، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެއްގަމު އުޅަނދެއް އުފެއްދި ތާރީހުން ފެށިގެން 20 އަހަރު ވުމުން އެ އުޅަނދެއްގެ ރަޖިސްޓްރީ ބާތިލުކުރާނެ އެވެ. އެ މަރުހަލާ ކުރިއަށް ގެންދާނެ ގޮތް ބަޔާންކުރާނީ އެ ބިލު ގާނޫނަކަށް ވުމުން، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގަ އެވެ.

ކޮމިޓީން ބިލަށް އިތުރުކުރި މާއްދާގައިވާ ގޮތުން 20 އަހަރު ވެފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރާނީ އުޅަނދުގެ ވެރިފަރާތަށް އެކަމުގެ ނޯޓިސް ފޮނުވުމަށް ފަހު އެވެ. ބާ އުޅަނދުތަކުގެ ރަޖސިްޓްރީ ބާތިލުކުރުމުގެ އުސޫލު ތަންފީޒުކުރަން، އެ މާއްދާގައި ހިމަނާފައިވާ އުސޫލުގައިވާ ގޮތުން އާ ގާނޫނުގެ ދަށުން އުޅަނދެއް ރަޖިސްޓްރީ ކުރާ އިރު އުޅަނދު އުފެއްދި ތާރީހު، ރަޖިސްޓްރީގައި ހިމަނާނެ އެވެ.

މިހާރު ހުރި ބާ އުޅަނދުތަކަށް ތިން އަހަރު، ތާރީހީ އުޅަނދުތަކަށް އިސްތިސްނާ

އެއްގަމު ދަތުރުފަތުރުގެ ބިލަށް ކޮމިޓީން އިތުރުކުރި މާއްދާގައިވާ ގޮތުން އެ ބިލު ގާނޫނަކަށް ވާއިރު، ކުރިއްސުރެ ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ ތެރެެއިން 18 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތެއް ވެފައިވާ އުޅަނދުތައް އިތުރަށް އޮޕަރޭޓްކުރަން ދޭނީ ތިން އަހަރު ދުވަހުގެ މުހުލަތެކެވެ. 

އެއަށް ފަހު އުޅަނދުގެ ވެރިފަރާތަށް ނޯޓިސް ދީފައި ރަޖިސްޓްރީ ބާތިލުކުރާނެ އެވެ.

މި އުސޫލުން އިސްތިސްނާ ވާނެ އުޅނަދުތަކަކީ އުޅަނދުގެ ބާވަތާއި މަރުކާ އާއި ހާއްސަ ސިފަތަަކަށް ބަލައިގެން ހާއްސަ ހުއްދައެއް ދޭ އުޅަނދުތަކެވެ. އެގޮތަށް ހުއްދަ ދޭން ޝަރުތު ހަމަވާ އުޅަނދުތައް ކަނޑައަޅާނެ އުސޫލެއް ބިލު ގާނޫނަކަށް ވުމުން އެ ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ހިމަނާނެ އެވެ.

ހާއްސަ ހުއްދަ ދޭނީ އެ ގަވާއިދުން ޝަރުތު ހަމަވާ އުޅަނދުތައް ރޯޑްވާދިނަސް ޓެސްޓް ހެދުމަށް ފަހުގަ އެވެ. 

އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން އިއްޔެ ފާސްކުރީ 47 މެމްބަރުންގެ ވޯޓުންނެވެ. ވޯޓުގައި 59 މެމްބަރަކު ބައިވެރިވެވަޑައިގަތް އިރު، އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވޯޓުދިނީ ބިލް ފާސްކުރަން ނުފެންނަ ކަމަށެވެ.