މާލޭ ސިޓީގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް މާލެއަކީ ހިނގާބިނގާވެ އުޅެން ފަސޭހަ ތަނަކަށް ހެދުމުގެ ގޮތުން "އާބަން މޮބިލިޓީ ސާވޭ" ގެ ނަމުގައި މައުލޫމާތު އެއްކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.
ސިޓީ ކައުންސިލުން ބުނީ މާލޭގެ ދަތުރުފަތުރުގެ ނިޒާމުގެ ހާލަތު ދެނެގަނެ، ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ކުރިއަށް ގެންދާ އެ ދިރާސާއަކީ އެ ކައުންސިލާއި ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫއެންއެސްކެޕް) އާ ގުޅިގެން ކުރިއަށް ގެންދާ ދިރާސާއެއް ކަމަށެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމްގެ އިސް ނެންގެވުމުގެ މަތިން ކުރިއަށް ގެންދާ އެ ދިރާސާއާ ގުޅޭގޮތުން ޔޫއެންއެސްކެޕްގެ ޓްރާންސްޕޯޓް ޑިވިޝަންގެ ޗީފް ކެޓްރިން ލޫގާ ވަނީ މިދިޔަ އޭޕްރީލް މަހު އާޒިމްއާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފަ އެވެ.
އެ ސާވޭއަށް ފަންޑު ފޯރުކޮށްދެނީ ޔޫއެންއެސްކެޕް އިން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނީ އެ ދިރާސާގައި ބަލަނީ މީހުން ގެންގުޅޭ އުޅަނދުފަހަރުގެ އަދަދާއި އެއްތަނުން އަނެއް ތަނަށް ދަތުރުކުރުމަށް ބޭނުންކުރާ ވަސީލަތްތަކުގެ އިތުރުން ދަތުރުފަތުރުގެ ނިޒާމުގައި ހުރި ގޮންޖެހުންތަކަށް ކަމަށެވެ. އަދި އެއީ މާލޭގެ ޓްރެފިކް ތޮއްޖެހުން ކުޑަކޮށް ރައްޔިތުންނަށް ފަސޭހަ ނިޒާމެއް ބިނާކުރަން ކުރާ ދިރާސާއެއް ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.
ދިރާސާއަށް މައުލޫމާތު އެއްކުރުމުގެ މަރުހަލާގައި ސިޓީ ކައުންސިލުގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގެ 20 މުވައްޒަފުން ހަރަކާތްތެރިވަމުން ދާއިރު، މިހާތަނަށް 1،000 އަށް ވުރެ ގިނަ ގޭބިސީއަށް ޒިޔާރަތްކޮށް މައުލޫމާތު އެއްކޮށްފައިވެ އެވެ.
ކައުންސިލުން ބުނީ އެ ދިރާސާއިން ލިބޭ ނަތީޖާތަކާ ގުޅޭގޮތުން މަޝްވަރާކުރަން ހާއްސަ ބައްދަލުވުމެއް ވެސް އަންނަ މަހުގެ މަހުގެ 20 ވަނަ ދުވަހާއި 21 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ދަތުރުފަތުރުގެ ދާއިރާގެ ކަމާބެހޭ ފަރާތްތަކުން ބައިވެރިވެ، ދިރާސާގެ ހޯދުންތަކަށް ބިނާކޮށް މަޝްވަރާކުރާނެ ކަމަށް ވެސް މާލޭ ސިޓީ ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނިގޮތުގައި ގްރޭޓާ މާލޭ ސަރަހައްދުގައި ދަތުރުފަތުރުގެ ނިޒާމު މިހާރު އޮތް ގޮތް ދެނެގަނެ، ކާރިސާތަކުން އަރައިގަތުމަށް ގާބިލުކަން އިތުރުކުރުމާ މެދު ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރާނެ އެވެ.