ފައިމަގުގައި އުޅޭ ވަގުތު ސިނަމާލެ ބްރިޖުން މާލެ ދަތުރުކުރާ ނަމަ ހުރަސްތަކެއް ކުރިމަތިވެދާނެ

ފިތުރު އީދާއި ވަޅު އީދު ދުވަހު ފައިމަގުގައި އުޅެން ކަނޑައަޅާފައި ވަގުތުތަކުގައި ސިނަމާލެ ބްރިޖުން މާލެ ދަތުރުކުރާ މީހުންނަށް ހުރަސްތަކެއް ކުރިމަތިވުމުގެ ފުރުސަތު އެބަ އޮތެވެ.


އީދުގެ ފުރަތަމަ ދެ ދުވަހު ހަވީރު 4:00 އިން 6:30 އާ ހަމައަށް މާލެ އާއި ވިލިމާލޭގައި އިންޖީނުލީ އުޅަނދު ބޭނުންނުކުރެވޭ ގޮތަށް މާލެ ސިޓީ ކައުންސިލުން ވަނީ ހަމަޖައްސާފަ އެވެ. ނަމަވެސް އެ ވަގުތުތަކުގައި ހުޅުމާލެ އާއި ސިނަމާލޭ ބްރިޖުގައި އިންޖީނު ލީ އެއްޗެހި ދުއްވުން މަނާކޮށްފައެއް ނުވެ އެވެ.

އެ ވަގުތުތަކުގައި ސިނަމާލެ ބްރިޖުން މާލެއަށް އަމިއްލަ އުޅަނދުފަހަރުގައި އަންނަ މީހުންނަށް ދިމާވާނެ މައްސަލައަކަށް ވާނީ ޕާކްކުރާނެ ތަނެއް ނެތުމެވެ. ބްރިޖުން ފައިބައިގެން ގޮސް ޕާކްކުރާނެ ތަންތަނެއް އެ ސަރަހައްދަކު ނޯވެ އެވެ. އަދި ދުއްވާފައި އެހެން ހިސާބަކަށް ދިއުން އެ ވަގުތު މަނާވާނެ އެވެ. އެހެންކަމުން ސިޓީ ކައުންސިލުގެ އެދުމަކީ ބަހުގައި ސިނަމާލޭ ބްރިޖް ބޭނުންކުރުމެވެ.

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ އެ ވަގުތު އަމިއްލަ އުޅަނދުތައް ބޭނުންކުރުން މަނާ ނަމަވެސް ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ލިބޭނެތީ މާލެ އާއި ހުޅުމާލެއާ ދެމެދު ބަހުގައި ދަތުރުކުރުން ރަނގަޅުވާނެ ކަމަށެވެ.

"ވަރަށް ކުޑަ ވަގުތެއް ކަނޑައަޅާފައި އޮންނާނީ ވެހިކަލްތަކަށް ނުދުއްވޭ ގޮތަށް. އެވަގުތު ހިނގާފައި އުޅެން ނުވަތަ ޕަބްލިކް ޓްރާންސްޕޯޓް ބޭނުން ކުރަން އަޅުގަނޑުމެން އިލްތިމާސްކުރަނީ،" ޝަމާއު ވިދާޅުވި އެވެ.

ދެ ދުވަހުގެ ހަވީރު ވަގުތު ފައިމަގުގައި އުޅެން ނިންމީ، ސިޓީ ކައުންސިލުން ބުނި ގޮތުގައި، ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނަށް ފަސޭހަކަމާ އެކު އީދުގެ އުފާ ފާޅުކުރުމަށް ފުރުސަތު ހޯދައިދޭށެވެ. ނަމަވެސް އެމްބިއުލާންސް އާއި ސަލާމަތީ ބާރުތައް ފަދަ ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ ވެހިކަލްތަކަށް މާލެ އާއި ވިލިމާލޭގައި ވެސް އެ ވަގުތު ދުއްވޭނެ އެވެ.

"އިންޖީނުލީ އެއްޗެހި ދުއްވުން އަޅުގަނޑުމެން މި މަނާކުރީ. އެ ވަގުތުތަކުގައި ބައިސްކަލު ދުއްވޭނެ،" ޝަމާއު ވިދާޅުވި އެވެ.