ސަރުކާރުން މިހާރު އަމާޒު ހިފާފައިވާ މިސްރާބާ އެކު ޑޮލަރުގެ މައްސަލަ ހައްލުވެ، "މި ދަތި ހާލަތުން" އަރައިގަނެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އެއާ އެކު ކަންބޮޑުވަނީ އަބަދުވެސް ރާއްޖެ ނުދަރައިގެން ނުވަތަ ބަނގުރޫޓު ނުވެގެން ބަޔަކު އުޅޭތީ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ރޭ އެހެން ވިދާޅުވީ މިނިސްޓްރީގެ ފަރާތުން ތައްޔާރުޔުކުރި ވީޑިއޯ މެސެޖެއްގަ އެވެ.
ސައީދު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ މަސައްކަތްތަކާ އެކު "ގައުމު ސަލާމަތުގެ އައްސޭރިއަކަށް" ގެންދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް (ޓީ-ބިލް) ފެސިލިޓީއަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް މިދިޔަ ބުރާސްފަތި ދުވަހު ދައްކައި ހަލާސް ކޮށްފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، އެއާ ގުޅުވައިގެން ދައްކާ ވާހަކަތަކުގެ ވެސް ހަގީގަތެއް ނެތް ކަމަށެވެ.
އެސްބީއައި މެދުވެރިކޮށް ދިވެހި ސަރުކާރަށް ނެގި ޓީބިލްގެ އެންމެ ފަހު އިންސްޓޯލްމަންޓް ކަމަށްވާ 50 މިލިއަން ޑޮލަރު މިދިޔަ ބުރާސްފަތި ދުވަހު ދައްކައި ހަލާސް ކުރުމާ އެކު، ކާޑާއި ތެލާއި ގޭހާއި ބޭހުގެ ބާވަތްތައް ގަންނާނެ ފައިސާ ދައުލަތުގައި ނެތް ކަމަށް ބުނެ ވަނީ އަޑުފެތުރިފަ އެވެ.
އިކޮނޮމިކް މިނިސްޓަރު ވިދާޅުވި ގޮތުގައި އެއީ ދިވެހިންގެ މެދުގައި ޝައްކާއި ވަހުމް އުފައްދައި މާކެޓްގެ އިތުބާރު ގެއްލުވައިލަން އާންމު އުސޫލުން ދައްކާ ވާހަކަތަކެކެވެ.
"އަޅުގަނޑު ޔަގީންކަން އަރުވަން އިރާދަކުރެއްވިއްޔާ އެއްވެސް ބާވަތެއްގެ އަސާސީ މުދަލަކަށް ނުވަތަ ކާޑު ގަތުމަކަށް ނުވަތަ ތެޔޮ، ގޭސް ގަތުމަކަށް އެއްވެސް ދައްޗެއް އެއްވެސް ހުރަހެއް ނެތް. އިރާދަކުރެއްވިއްޔާ ދިވެހިރާއްޖެ މިއިން އެއްވެސް އެއްޗަކަށް ނުޖެހި މިދިޔަ ދުވަސްތަކުގައި ވެސް މިދިޔައީ،" ސައީދު ވިދާޅުވި އެވެ.
"އިންޝާ ﷲ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ދާނީ އެހެން."
ސައީދު ވިދާޅުވީ، ޗައިނާ ސަރުކާރުގެ އިތުރުން އޭޑީއެފްޑީގެ ލޯނެއް ވެސް ފަސްކޮށްދީފައިވާ ކަމަށެވެ.
"ވާރުަތަވެގެން އައި އެތައް ލޯނެއްގެ ވާހަކަ މި ދައްކަނީ،" އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާުޅުވީ ރައީސް މުއިއްޒު އެންމެ އިސްކަން ދެއްވި އެއް ކަމަކީ ދިވެހި ދައުލަތް ޑިފޯލްޓް ނުވެ، ސުކޫކް އަނބުރާ ދެއްކުމަށް ކަމަށެވެ. ދިވެހި ތާރީހުގައި ސުކޫކްގެ ގޮތުގައި ނެގި އެންމެ ބޮޑު އަދަދު އެ ތާރީހަށް ދައްކައި، ރޭޓިން ވެސް ރަނގަޅު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ ގައުމު ދުވަސްވަރަކަށް ފަހު ދުވަސްވަރެއްގައި ބޮޑެތި ގޮންޖެހުންތަކުން އަރައިގަންނަމުން މިދަނީ. ކާމިޔާބު ހޯއްދަވަމުން މިގެންދަނީ. އެހެން ދާއިރު އަޅުގަނޑު ކަންބޮޑުވަނީ އަބަދުވެސް ގައުމު ނުދަރައިގެން އުޅޭ ބަޔަކު އުޅޭތީ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރާއްޖެ އަށް ޓޫރިސްޓުން ނާންނާނެ ކަމަށް ބުނެ ވެސް އެކިއެކި މީޑިއަމްތައް މެދުވެރިކޮށް އިނގިރޭސި ބަހުން ލިޔާ ކަމަށެވެ. އެކަމަކު، ރާއްޖެ އަށް އިންވެސްޓަރުންނާއި ޓޫރިސްޓުން ނައިސް ލިބެން އޮތް ފައިދާއެއް ނުލިބުނީމާ އޭގެ ދެރަ ލިބޭނީ ދިވެހިންނަށް ކަމަށް ވެސް ވިދާޅުވި އެވެ.
"ހުރިހާ އެންމެންނަށް. އެހެންވީމާ މިފަދަ ކަންތައްތައް މިއީ އެއްވެސް ގައުމެއްގައި އެއްވެސް ޑިމޮކްރެސީއެއްގައި ކުރާ ކަންކަމެއް ނޫން. ސިޔާސީ އިދިކޮޅު ފަރާތްތަކުން ވެސް މަސައްކަތް ކުރަމުން އެހެން ގައުމުތަކުގައި ދާ ތަން އަޅުގަނޑުމެންނަށް ފެންނަނީ އެ ގައުމެއްގެ އިގްތިސާދަށް ކުރިއެރުން ލިބޭ ކަމެއް ކަމަށް ވަންޏާ އެކަމުގައި އެއްބާރުލުން ދޭ ތަން،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކަންތައްތަކުގައި ހިޔާލު ތަފާތުވުން ހުންނާނެ ކަމަށާއި އެކަމަކު ގައުމު ބަނގުރޫޓް ކޮށްލަން ވާހަކަ ދެއްކުމުން ކުރާނެ ފައިދާއެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ. އެހެންވެ، އެ ކަންތައްތަކުން ދުރުވާން މިނިސްޓަރު އެދިވަޑައިގަތެވެ.
"ރާއްޖޭގެ އިގްތިސާދު ވައްޓާލާފައި އޮތް ނުރައްކާތެރި އަނދަވަޅުން އަރައިގަތުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު މި ކުރައްވާ މަސައްކަތަކީ އެއްވެސް ޝައްކެތް ނެތް މީގެ ކުރިން އެއްވެސް ރައީސަކު ހޯއްދެވި ކާމިޔާބެއް ނޫން. ކުރެއްވި ކަންތައްތަކެއް ވެސް ނޫން،" ސައީދު ވިދާޅުވި އެވެ.