ޗާގޯސްގެ ސިޔާދަތީ މިލްކުވެރިކަމާ މެދު އުފެދިފައިވާ އަރާރުމުގައި ރާއްޖެއާ ގުޅުން ކަނޑާލާފައިވާ މޮރިޝަސްއިން އޮތީ މަޝްވަރާ ކުރަން ތައްޔާރަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

ނަޝީދު މިހެން ވިދާޅުވީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި އޮތް،  10 ވަނަ އިންޑިއަން އޯޝަން ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށް ފަހު މިއަދު ރާއްޖެ ވަޑައިގެން މީޑިއާތަކަށް ދެއްވި އިންޓަވިއުގަ އެވެ.

އެ ބައްދަލުުމުގައި އިންޑިއާގެ ކަނޑުގެ އެކި ގައުމުތަކުން މަންދޫބުން ބައިވެރިވެވަޑައިގެންނެވިއިރު އޭގެ ތެރޭގައި މޮރިޝަސްގެ ފޮރިން މިނިސްޓަރު ރިޓިޝް ރާމްފުލް ވެސް ހިމެނިވަޑައިގަންނަވަ އެވެ. 

ނަޝީދު ވިދާޅުވީ މިނިސްޓަރާ ބައްދަލުކޮށް، ދެ ގައުމުން ވާހަކަ ދައްކައިގެން ސުލްހަވެރި ގޮތްތައް ހޯދުމަށް އެދިފައިވާނެ ކަމަށާއި އެ ގައުމުން އޮތީ ރާއްޖެއާ އެކު މަޝްވަރާއަށް ދާން ތައްޔާރަށް ކަން މިނިސްޓަރު ހާމަކުރެއްވި ކަމަށެވެ. 

"އެއްވެސް ހާލެއްގައި އަވަށްޓެރި ގައުމުތަކާ އެހެން ޑިޕްލޮމެޓިކް ގުޅުން ނެތުމަކީ ރަނގަޅު ކަމެއް ނޫން. ދެން އެ ބޭފުޅުން ތިއްބެވީ ތައްޔާރަށް. އަޅުގަނޑު އުއްމީދު ކުރަން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް މޮރިޝަސް ސަރުކާރާާ އެކު މި ފުރުސަތުގެ ބޭނުންކޮށް ކުރިއަށް ދާނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ. 

ޗާގޯސްގެ ޖަޒީރާގެ ރަށްތަކުގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ރާއްޖޭން ގަބޫލުކުރަން ދެކޮޅު ހަދައި، އިނގިރޭސި ސަރުކާރާ އެކު އެކުލަވައިލަން މަސައްކަތްކުރާ އެއްބަސްވުމަށް ވެސް ރާއްޖޭން ވަނީ އިއުތިރާޒުކޮށްފަ އެވެ. 

ރާއްޖެއާ އެކު އޮންނަ ހާރިޖީ ގުޅުން ސަސްޕެންޑުކުރަން ޗާގޯސް އިން ނިންމީ، ޗާގޯސްގެ ޖަޒީރާ ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުމަށް އިއުތިރާޒުކޮށް، އެކަމާ ގުޅޭގޮތުން އިނގިރޭސި ވިލާތުގެ ސަރުކާރާ އެކު މަޝްވަރާކުރަން ދިވެހި ސަރުކާރުން ރަސްމީކޮށް އެދިފައިވާ ކަން ރައީސް މުހައްމަދު މުއިއްޒު ހާމަކުރައްވާފައި ވަނިކޮށެވެ.

މޮރިޝަސްއިން އެ ނިންމުން ނިންމުމުން ރައީސް ވިދާޅުވެފައިވަނީ ޗާގޯސްއަކީ ރާއްޖޭގެ ތަނެއް ކަމަށް ވަކާލާތު ކުރައްވާ ކުރެއްވުން ތަކުރާރު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. 

އެ ނިންމުމާ އެކު ކުރިން ނަޝީދު ވިދާޅުވެފައިވަނީ ރާއްޖެ އިން ޗާގޯސް ހޯދުމުގެ މަސައްކަތް ވަރުގަދަ ކޮށްފައިވާ ދަނޑިވަޅާ ދިމކޮށް، މޮރިޝަސް އިން ހާރިޖީ ގުޅުން ސަސްޕެންޑް ކުރިޔަސް، ރާއްޖެ ފަހަތަށް ޖެހޭކަށް ނުޖެހޭ ކަމަށެވެ.