ދިވެހި ވަތަނީ ހިދުމަތަކީ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް މިހާތަނަށް ސަރުކާރަކުން ހިންގާ އެންމެ ފުރަތަމަ ޕްރޮގްރާމު ކަމަށާއި އެ ޕްރޮގްރާމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާސިލުކުރައްވަން ބޭނުންފުޅުވާ ލަނޑުދަނޑިތައް ހާސިލުކުރެއްވޭނެ ފަދަ ޕްރޮގްރާމެއް ގޮތަށް ހިންގަވާނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވެއްޖެ އެވެ. 

އެމްއެންޑީއެފްގެ 134 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ ގައުމަށް ގެއްލުންވެދާނެ ސިޔާސަތުތަކާ ދުރުވާންޖެހޭ ކަމަށާއި ރައީސް މުއިއްޒު ގަބޫލުފުޅު ކުރައްވާ ގޮތުގައި ގައުމަށް ބޭނުންތެރި ބަޔަކު އުފެއްދެވުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެ މަގުސަދުގައި ގައުމުގެ ޒުވާނުން ތަރުބިއްޔަތުކުރުމުގައި ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މިދިޔަ އަހަރު ތަރާއަފުކުރި ވަތަނީ ހިދުމަތަށް އިޝާރާތް ކުރައްވާ މިނިސްޓަރު ވިދާޅުވީ، އެ ޕްރޮގްރާމަކީ ރައީސް ވަރަށް ހާއްސަ އިސްކަމެއް ދެއްވާ ޕްރޮގްރާމެއް ކަމަށާއި އެއީ ޒަމާންތަކެއް ވަންދެން ޒުވާނުންނަށް އަޅާނުލެވި އޮތް އޮތުން ނިމުމަކަށް ގެނެސް ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް ދިވެހި ސަރުކާރަކުން މިހާތަނަށް ފެށި އެންމެ ފުޅާ އަދި އެންމެ ފުރިހަމަ ޕްރޮގްރާމު ކަމަށެވެ. 

މިނިިސްޓަރު ވިދާޅުވީ އެ ޕްރޮގްރާމުން ދަސްވެނިވާ ކޮންމެ ޒުވާނަކީ ވެސް އަމިއްލަ ނަފްސަށް އިތުބާރުކޮށް ދުޅަހެޔޮ އަދި ގައުމިއްޔަތަށް ލޯބިކުރާ ކަންކަމާ މެދު ޕޮޒިޓިވްކޮށް ވިސްނައި، ޒިންމާދާރު ބަޔަކަށް ހެދުމަކީ ވަތަނީ ޕްރޮގްރާމުގެ މަގްސަދު ކަމަށެވެ. 

"އެ ޕްރޮގްރާމުން ދަސްވެނިވާ ކޮންމެ ޒުވާނަކީ ވެސް އަމިއްލަ ނަފްސަށް އިތުބާރުކޮށް އަގީގާ ވަރުގަދަ ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ގައުމިއްޔަތަށް ލޯބިކުރާ ކަންކަމާ މެދު ޕޮޒިޓިވްކޮށް ވިސްނާ ޒިންމާދާރު ދިވެހި ރައްޔިތަކަށް ހެދުމަކީ އެ ޕްރޮގްރާމުގެ އެންމެ މުހިއްމު މަގްސަދު،"

ދިވެހި ސިފައިންގެ 134 ވަަނަ އަހަރީ ޖަލްސާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުމުން މިނިސްޓަރު ސަލާމްކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް
ދިވެހި ސިފައިންގެ 134 ވަަނަ އަހަރީ ޖަލްސާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުމުން މިނިސްޓަރު ސަލާމްކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް

އެ ޕްރޮގްރާމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާ ޕްރޮގްރާމަކަށް ހެއްދެވުމުގެ ގޮތުން ހުރިހާ ކަމެއް ވެސް ރައީސް ފަހިކޮށްދެއްވަމުން ގެންދަވާ ކަމަށާއި އެ މިނިސްޓްރީގެ ނަމަށް ވަތަނީ އިތުރުކޮށްފައި ވަނީ ވެސް އެ ޕްރޮގްރާމަށް އެ މަނިކުފާނު ދެއްވާ ހާއްސަ ސަމާލުކަމުގެ ސަބަބުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"ދިފާއީ ވުޒާރާގެ ނަން ދިފާއީ އަދި ވަތަނީ ވުޒާރާގެ ނަމަށް ބަދަލުކުރެއްވި ކުރެއްވުން ވެސް ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމަށް ރައީސް ދެއްވާ ހާއްސަ ސަމާލުކަން ހާމަވެގެންދޭ،" އޭނާ ވިދާޅުވި އެވެ.

އެހެންވެ، ރައީސްގެ ތަސައްވުރާ އެއްގޮތަށް އެ ޕްރޮގްރާމު ކުރިއަށް ގެންދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"އެހެންކަމުން ރައީސަށް ޔަގީންކަން އަރުވަނީ މަނިކުފާނުގެ ތަސައްވުރާ އެއްގޮތަށް ދިވެހި ވަތަނީ ހިދުމަތުގެ ނިޒާމުން މަނިކުފާނު ހާސިލުކުރައްވަން ބޭނުންފުޅުވާ އެންމެހާ ލަނޑުދަނޑިތައް ހާސިލުކުރެވޭނެހެން މި ނިޒާމުގެ ކަންކަން ހިންގާ ކުރިއަށް ގެންދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ދިވެހި ސިފައިންގެ 134 ވަަނަ އަހަރީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް
ދިވެހި ސިފައިންގެ 134 ވަަނަ އަހަރީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް

މިނިސްޓަރު ވަނީ މިދިޔަ މަހު އެ މަގާމު ހަވާލުކުރައްވާ ރައީސް އެދިވަޑައިގަތީ ސިފައިންގެ ހާލަތު މިހާރަށް ވުރެ ރަނގަޅުކުރުމަށް މަސައްކަތްކޮށް ދެއްވުމަށް ކަމަށާއި ސިފައިންގެ އޮޕަރޭޝަންތަކަށް ބޭނުންވާ އާލަތްތައް ހޯދުމާއި މަރުކަޒުތަކުގެ ހާލަތު ރަނގަޅުކޮށް ސިފައިންގެ ޔުނިފޯމާއި ސޭފްޓީ ގިއާ ފަދަ ސާމާނު ހޯއްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގަތް ކަމަށް ވިދާޅުވެފަ އެވެ. 

މިނިސްޓަރު ހަސަން ވިދާޅުވީ، މި ސަރުކާރު ހަވާލުވިއިރު އޮތް ސިފައިންގެ ނިކަމެތި ހާލަތު ބަދަލުކޮށް، ރަނގަޅު ހާލަތަކަށް ބަދަލުކުރެއްވުމަށް ބޭނުންވާކަމަށާއި އެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށް ގެންދެވުމަށް ވެސް ރައީސް އެދިވަޑައިގަތް ކަމަށެވެ.

އެހެންވެ، އެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށާއި ސިފައިންގެ ޓެކްނިކަލް ޓީމުތަކުން ވެސް އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.