ވަތަނީ ހިދުމަތުގެ ހަތަރު ވަނަ ބެޗުގެ ތަމްރީނަށް 300 އަށް ވުރެ ގިނަ ޒުވާނުން މިއަދު ފުރައިފި އެވެ.

ޑިފެންސް މިނިސްޓްރީން ބުނީ ޅ. މާފިލާފުށީގައި ގާއިމްކޮށްފައިވާ ޓްރެއިނިން ސެންޓަރުގައި ތިން މަހަށް ކުރިއަށް ގެންދާ ތަމްރީނުގައި 126 ރަށަކުން 351 ދަރިވަރުން ބައިވެރިވާ ކަމަށެވެ. އެއީ 287 ފިރިހެނުންނާއި 64 އަންހެނުންނެވެ.

އެ ތަމްރީން ފުރިހަމަކުރުމުން ސެޓްފިކެޓު 3 އިން ސިވިކް އެޑިއުކޭޝަން އެންޑު ލީޑަޝިޕާއި ކޮމިއުނިޓީ ވޮލަންޓިއާ ފަޔާ ފައިޓަރު ސެޓްފިކެޓާއި ބޭސިކް ފަސްޓް އެއިޑް ސެޓްފިކެޓް އަދި ޕިއާ އެޑިއުކޭޝަން ޓްރެއިނިން ޕްރޮގްރާމް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ލިބޭނެ އެވެ. 

ވަތަނީ ހިދުމަތުގެ ބައިވެރިވި ޒުވާނުންތަކެއް ތަމްރީނަށް މިއަދު ފުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ވަތަނީ ހިދުމަތުގެ ބައިވެރިވި ޒުވާނުންތަކެއް ތަމްރީނަށް މިއަދު ފުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ތަމްރީނު މުއްދަތުގެ ތެރޭގައި ސަރުކާރުން މަހަކު 6،000ރ. ގެ އެލަވަންސެއް ދޭނެ އެވެ.

ގައުމިއްޔަތާއި ޒިންމާދާރު އަދި ދުޅަހެޔޮ ޖީލެއް ބިނާކުރުމުގެ މަގުސަދުގައި 16-28 އަހަރާ ދެމެދުގެ މީހުންނަށް ނޭޝަނަލް ސާވިސްގެ ޕްރޮގްރާމް ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.

ފުރަތަމަ ތަމްރީނަށް ފަހު، ފަންނީ ބައި ފުރިހަމަކުރަން ބ. ކިހާދޫއަށް އިއްޔެ ވަނީ ތިން ވަނަ ބެޗު ފުރައިފަ އެވެ. 

ސަރުކާރުގެ އަމާޒަކީ މި އަހަރު ތެރޭގައި އިތުރު 1،000 ޒުވާނުން އެ ތަމްރީންތައް ފުރިހަމަކުރުމެވެ.