ރަސްމީ ތައުލީމަށް ސްކޫލުގެ ދޮރު ހުޅުވި ދުވަހުން ފެށިގެން ހުއްޓުމެއް ނެތެވެ. ހަމީދިއްޔާ މޮންޓެސޮރި ސްކޫލުގެ ނަމުގައި އަދި މިހާރުގެ ގޮތުން ނަމަ އިސްކަންދަރު ސްކޫލުގައި ކިޔަވައިދޭން ފެށިތާ މިއަދަށް 65 އަހަރު ފުރުނީ އެވެ.
އެ ފަހުރުވެރި ދުވަސް ފާހަގަކުރަން އެ ސްކޫލުގައި މިއަދު ވަނީ ފޮޓޯ އެގްޒިބިޝަނެއް ފަށައިފަ އެވެ.
އިސްކަންދަރު ސްކޫލްގެ އޮފިޝަލަކު ވިދާޅުވީ، އެ ސްކޫލު ހުޅުވި ދުވަސް ކަމަށްބާ މެއި 10، 1961 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ކުރި މުހިއްމު ކަންކަމާއި ލިބުނު ކާމިޔާބީތައް އަދި ހާއްސަ ދުވަސްތަކުގެ ފޮޓޯތައް މައުރަޒުން ފެންނާނެ ކަމަށެވެ.
އޭގެ އިތުރުން އިސްކަންދަރު ސްކޫލުގައި މިދިޔަ މުއްދަތުގެ ތެރޭގައި ކިޔެވި ދަރިވަރުންގެ ފޮޓޯތައް ވެސް ހިމެނޭތީ މިއީ، އުފާވެރި ހަނދާންތައް ގެނެސްދޭނެ މައުރަޒަކަށް ވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އެތައް ހާސް ފޮޓޯ އެބަ ހިމެނޭ،" އޭނާ ވިދާޅުވި އެވެ.
ފޮޓޯ މައުރަޒު ކުރިއަށް ގެންދާނީ އެ ސްކޫލުގެ ހޯލުގައި އަންނަ އަންގާރަ ދުވަހުގެ ހަވީރު ހައެއް ޖަހަންދެންނެވެ.
ރާއްޖޭގައި އެންމެ ފަހުރުވެރި އެއް ސްކޫލުގެ އަހަރީ ދުވަހާއި ކުޑަކުދިންގެ ދުވަސް އެއް ދުވަހަކާ ދިމާވާތީ ހާއްސަ އެސެމްބްލީއެއް މިއަދު ވަނީ ބާއްވައިފަ އެވެ.
އެ އެސެމްބްލީގައި ކުދިންގެ ހުނަރާއި 15 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރި މުވައްޒަފުންނަށް އެވޯޑު ދީފައިވެ އެވެ.
ގްރޭޑު 1-10 އަށް ކިޔަވައިދެމުން އަންނަ އިސްކަންދަރު ސްކޫލުގައި 2،000 އެއްހާ ދަރިވަރުން ކިޔަވަ އެވެ.