"އަދަދު" ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ސީދާ ގޮތުން ވެސް އަދި ނުސީދާ ގޮތުން ވެސް ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރެއް ނެރެފައިވަނިކޮޮށް، އެ ވީޑިއޯއާ ގުޅުވައި ސުވާލުކުރުމުން އަަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން، ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމުން މިއަދު ނެރެފި އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފުތާ ބްރީފިންގައި ޝަހުޒާން ކުރި ސުވާލަކާ ގުޅިގެން ރައީސް ފާހަގަކުރެއްވި ގޮތުގައި ކްރިމިނަލް ކޯޓުން "ގެގް" އޯޑަރެއް ވަނީ އިއްޔެ ނެރެފަ އެވެ.

އެހެންވެ، މިއަދުގެ ބްރީފިންގައި ޝަހުޒާން ކުރި ސުވާލާ އެކު، ޝަހުޒާން ކޯޓުގެ އަމުރާ ހިލާފުވެފައިވާ ކަމަށް ވިދާޅުވެ ރައީސް ވަނީ އެ މާލަމުން ނިކުތުމަށް އޭނާ އަށް އަންގަވައިފަ އެވެ.

ޝަހުޒާން އެ މާލަމުން ނެރުނީ ސެކިއުރިޓީންގެ އެހީތެރިކަމާ އެކުގަ އެވެ. 

"މިހާރު ކޯޓުން އެ އޮތީ ގެގް އޯޑާއެއް ނެރެފައި. ޝަހުޒާން ތި ވަނީ ކޯޓު އަމުރާ ހިލާފުވެފައި. އެހެންވީމަ އަޅުގަނޑު އެދެނީ ޝަހުޒާން މި މާލަމް ދޫކޮށް ވަޑައިގެންނެވުމަށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނުގެ މައްޗަށް ޝަހުޒާންގެ ސުވާލުގައި ކުރަނީ ދޮގު ތުހުމަތުތަކެއް ކަމަށް ވިދާޅުވެ، ރައީސް ވަނީ ކޯޓު އަމުރާ ހިލާފު ވާހަކަތައް ދެއްކުމުގެ ފުރުސަތު އެ މާލަމުގައި ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.  

"ތިއީ ކަނޑައެޅިގެން ދޮގު ވާހަކައެއް. ކަނޑައެޅިގެން ދޮގު ތުހުމަތު އަޅުގަނޑުގެ ބޮލުގައި ތި އަޅުވަނީ. ކަނޑައެޅިގެން ދޮގު ތުހުމަތު އަޅުގަނޑުގެ ބޮލުގައި ތި އަޅުވަނީ. ތިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން. މި މާލަމަކު އެއް ކޯޓު އަމުރަކާ ހިލާފަކަށް ކަންކަމެއް ނުކުރެވޭނެ،"  

"ރޫލް އޮފް ލޯ ރައީސް އޮފީހުގެ ތެރޭގައި ހިފެހެއްޓޭނެ،" 

ޝަހުޒާންގެ ސުވާލުގެ ކުރިން ބްރީފިންގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެއަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ތަންމިންނަށް ފުޅާކޮށް އޮތް ގައުމެއް ކަމަށެވެ. ނަމަވެސް، ހުރިހާ ރައްޔިތުން ވެސް އަމަލު ކުރަން ޖެހޭނީ ގާނޫނުއަސާސީގައިވާ އިންތަކުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި އިސްލާމްދީނާ ހިލާފު އަދި ގާނޫނުއަސާސީއާ ހިލާފު ކަންކަމެއް ނުކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

"އެއީ އެއްވެސް ފަރާތަކަށް އޮތް ހައްގެއް ނޫން. ނޫސްވެރިކަމުގެ ފާހެއް އެޅުމަކީ ރައްޔިތުންގެ އަބުރަށް އަރައިގަތުމުގެ ލައިންސެންސެއް ނޫން. މުސްލިމަކަށް ވީތީ އޮތް ލައިސެންސެއް ނޫން އެއީ އެއްވެސް މީހެއްގެ އަބުރަށް އަރައިގަތުމަކީ،" ރައީސް ވިދާޅުވި އެވެ. 

ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު އެ އަމުރު ނެރުއްވީ "އަދަދު" ގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފު ކުރުމުގެ ދައުވާ އުފުލައި، ވަކި ގޮތަކަށް އަމަލު ކުރަން އަންގާ އަމުރެއް ނެރެދޭން ދައުލަތުން އެދުމުންނެވެ. 

އެ އަމުރުގައި ބުނީ ގަޒުފުގެ ކުށަކީ އިސްލާމީ ޝަރީއަތުގައި ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައަކަށް ވާއިރު އެކަން ހަރުކަށި އިބާރާތުން ނަހީ ކުރައްވައި، ހަރުކަށި އަދަބު ކަނޑައަޅާފައިވާ ކަމަށެވެ. އެކަން އެހާ ބޮޑަށް ނަހީ ކުރައްވާފައިވަނީ އަބުރު ރައްކާތެރި ކުރުމާއި އިއްޒަތުއް ނަފުސު ރައްކާތެރިކުރުމުގެ ގޮތުން ކަމަށް ބުންޏެވެ.

ކޯޓުން ނެރުނު އަމުރުގައިވާ ކަންކަން:

  • "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށް.
  • ޑޮކިއުމެންޓްރީގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުން.
  • ޑޮކިއުމެންޓްރީއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުން.
  • މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުންހުރި މައުލޫމާތުތައް ނުފެތުރުން. 

އެ އިން ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށް އަމުރުގައިވެ އެވެ.