"އަދަދު" ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރަށް ހުރިހާ ރައްޔިތުން ވެސް ތަބާވާން ޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ސީދާ ގޮތުން ވެސް އަދި ނުސީދާ ގޮތުން ވެސް ދެއްކުން މަނާކޮށް އަދި އެފަދަ ކަމެއް ކޮށްފި ނަމަ، އެއީ ކޯޓު ހުރުމަތް ކެނޑުން ކަން ބަޔާންކޮށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ. 

ރައީސް މުއިއްޒުގެ ހަފުތާ މީޑީއާ ބްރީފިންގައި ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް މިއަދު ވިދާޅުވީ، ކްރިމިނަލް ކޯޓުން ނެރެފައިވާ "ގެގް" އޯޑަރަށް ތަބާވުމަކީ ހުރިހާ ދިވެހި ރައްޔިތުންގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. 

"ސަރުކާރުން ކުރާ ކަމެއް ނޫން. ޝަރުއީ ދާއިރާއިން ކުރާ މަސައްކަތް ޝަރުއީ ދާއިރާއިން ކުރާނެ،" ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ ރާއްޖެއަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ތަންމިންނަށް ފުޅާކޮށް އޮތް ގައުމެއް ކަމަށެވެ. ނަމަވެސް، ހުރިހާ ރައްޔިތުން ވެސް އަމަލު ކުރަން ޖެހޭނީ ގާނޫނުއަސާސީގައިވާ އިންތަކުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި އިސްލާމްދީނާ ހިލާފު އަދި ގާނޫނުއަސާސީއާ ހިލާފު ކަންކަމެއް ނުކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

"އެއީ އެއްވެސް ފަރާތަކަށް އޮތް ހައްގެއް ނޫން. ނޫސްވެރިކަމުގެ ފާހެއް އެޅުމަކީ ރައްޔިތުންގެ އަބުރަށް އަރައިގަތުމުގެ ލައިންސެންސެއް ނޫން. މުސްލިމަކަށް ވީތީ އޮތް ލައިސެންސެއް ނޫން އެއީ އެއްވެސް މީހެއްގެ އަބުރަށް އަރައިގަތުމަކީ،" ރައީސް ވިދާޅުވި އެވެ. 

ޑޮކިއުމެންޓްރީގައި ހިމެނޭ ބައެއް ވާހަކަތަކާ ގުޅޭ ގޮތުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު"ގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ސުވާލުކުރުމުން ރައީސް މުއިއްޒު ވަނީ އޭނާ ކޯޓު ހުރުމަތް ކަނޑާފައިވާ ކަމަށާއި އެ ފުރުސަތު ރައީސް އޮފީސް ތެރޭގައި ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ، ނޫސްވެރިޔާ އެ މާލަން ދޫކޮށް ނުކުތުމަށް ރައީސް އެންގެވި އެވެ.

އެއާ އެކު، ސެކިއުރިޓީންގެ އެހީގައި ޝަހުޒާން މާލަމުން ނެރުނެވެ. 

އާންމުކޮށް އެންމެންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި އަންގާފައިވާ ކަންކަން:

 - "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށް

- ޑޮކިއުމެންޓްރީގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުން

- ޑޮކިއުމެންޓްރީއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުން

- މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުންހުރި މައުލޫމާތުތައް ނުފެތުރުން.

 މިއިން ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށް ވެސް އަމުރުގައި ބަޔާންކޮށްފައިވެ އެވެ.

މި އަމުރު ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު ނެރުއްވީ "އަދަދު" ގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފު ކުރުމުގެ ދައުވާ އުފުލައި، ވަކި ގޮތަކަށް އަމަލު ކުރަން އަންގާ އަމުރެއް ނެރެދޭން ދައުލަތުން މިއަދު އެދުމާ ގުޅިގެންނެވެ. 

ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ބުނީ ގަޒުފުގެ ކުށަކީ އިސްލާމީ ޝަރީއަތުގައި ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައަކަށް ވާއިރު އެކަން ހަރުކަށި އިބާރާތުން ނަހީ ކުރައްވައި،  ހަރުކަށި އަދަބު ކަނޑައަޅާފައިވާ ކަމަށެވެ. އެކަން އެހާ ބޮޑަށް ނަހީ ކުރައްވާފައިވަނީ އަބުރު ރައްކާތެރި ކުރުމަށާއި އިއްޒަތުއް ނަފުސު ރައްކާތެރިކުރުމުގެ ގޮތުން ކަމަށެވެ.

މީހެއްގެ މައްޗަށް ތުހުމަތެއް ކުރެވި ދައުވާ އުފެލޭ ހާލަތުގައި ވެސް ނަމާ އަބުރު ރައްކާތެރި ކުރެވިފައި އޮތުމުގެ ހައްގު އޮންނަ ކަމަށާއި އަދި އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކޯޓަކުން ހުކުމް ކޮށްގެން މެނުވީ މީހަކު ކުށެއް ކުރި ކަމަށް ގާނޫނީ ގޮތުން ބެލޭނެ ހަމައެއް ނެތް ކަމަށް އަމުރުގައި ބުނެފައިވެ އެވެ.

އެ އަމުރުގައި ބުނީ ޝަރީއަތުގެ މަރުހަލާގައި ވެސް އެ ދެ ހައްގު ބެލެންސް ވެގެންދާނެ ފަދައަކުން ދައުވާ ލިބޭ މީހާ އާއި ކުށުގެ ޝިކާރައަަށްވި މީހާގެ ހައްގުތައް ހަމަކުރެވެންޖެހޭ ކަމަށެވެ.

އަދި މައްސަލައިގެ މައުލޫއުއަށް ކޯޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން ގާނޫނުއަސާސީގައި ބަޔާންވެގެންވާ ހައްގުތަކަށް އެއްވެސް އަސަރެއް ނުކުރާނެ މޭރުމަކުމް ގާނޫނުއަސާސީގެ އެންމެހައި ހަމަތާކާއި ގާނޫނާއި އެންމެހައި ފަރުދުންގެ ހައްގުތަކާއި މިނިވަންކަން ނެގެހެއްޓުމުގެ ޒިންމާ ކޯޓުތަކަށް މަތިކޮށްފައިވާ ކަމަށް އަމުރުގައި ގާޒީ ވިދާޅުވި އެވެ. 

ގަޒުފުގެ ތުހުމަތުގައި ފިޔާޒާއި ހަސަން ވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފައިވެ އެވެ. ނަމަވެސް، އެ ދެ ބޭފުޅުން ވެސް ތަހުގީގު މަރުހަލާގައި ހިޔާރު ކުރެއްވީ ހަނު ތިއްބެވުމަށެވެ. އޭގެ ސަބަބެއް ކަމަށް ވިދާޅުވީ ނޫސްވެރިން މަސްދަރު ހިމާޔަތް ކުރުމަކީ ގާނޫނުއަސާސީން ލިބިދޭ ހައްގެއް ކަމަށާއި ނޫސްވެރިއެއްގެ ގޮތުގައި ހުރެ، މަސްދަރު ހާމަނުކުރާނެ ކަމަށެވެ.