މާލޭގައި ހުރި އަތޮޅު ފިހާރަތަކުގެ ތެރެއިން ބައެއް ތަންތަނުގެ ކުލި އެ އަތޮޅުތަކުގެ މާލިއްޔާ އަށް ޖަމާވަމުން ނުދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ، އެ ފައިސާގެ ތަފުސީލް ދޭން އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ފިނޭންސް މިނިސްޓަރު މޫސާ ޒަމީރަށް ސިޓީއެއް ފޮނުއްވައިފި އެވެ.
ފިނޭންސް މިނިސްޓްރީ އަށް މިއަދު ފޮނުއްވި ސިޓީއެއްގައި ކުޑޫ ވިދާޅުވީ، ބައެއް އަތޮޅު ފިހާރަތަކުގެ ކުލި 2017 ވަނަ އަހަަރުން ފެށިގެން އަތޮޅު ކައުންސިލްތަކުގެ އެކައުންޓުތަކަށް ޖަމާނުވާ ކަމަށް އެ އަތޮޅުތަކުން ބުނާ ކަމަށެވެ. އެހެންވެ، އެ ފައިސާއާ ބެހޭ މައިގަނޑު ހަތަރު ކަމެއްގެ މައުލޫމާތު ދެއްވަން ކުޑޫ އެދިވަޑައިގެންނެވި އެވެ.
އެއީ:
-
އަތޮޅު ފިހާރަތައް ކުއްޔަށް ހިފައިގެން އުޅޭ މީހުން ހަމައަށް ކުލި ދައްކަމުންދާކަން ނުަވަތަ ނޫންކަން.
- އަތޮޅު ފިހާރަތަކުގެ ކުލި ޖަމާކުރާނެ އުސޫލެއް ހަދާފައިވޭތޯ، އޮތް ނަމަ އެ އުސޫލު ހިއްސާކުރުން.
- އަތޮޅު ފިހާރަކުގެ ކުލި އެއް ހަމައަކުން ޖަމާނުވާ ސަބަބު.
- އަތޮޅު ފިހާރަތައް ކުއްޔަށް ދޭން އުސޫލެއް ކަނއަޅާފައިވާ ނަމަ އެ އުސޫލު އޭނާއާ ހިއްސާކުރުން
މާލޭގެ އުތުރުފަރާތުގައި ހުރި އަތޮޅު ފިހާރަތަކަކީ ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި އަތޮޅުތަކުގެ މީހުންގެ ބައިވެރިވުމާ އެކު ބިނާކޮށްފައިވާ ފިހާރަތަކެކެވެ. އޭގެ ގިނަ ފިހާރަކުގައި މިހާރު ވެސް އެކި މީހުން ވިޔަފާރި ކުރެ އެވެ. ވިޔަފާރިކުރަން އެތަންތަން ކުއްޔަށް ނެގި މީހުން ދައްކަން ޖެހޭ ފައިސާ މީގެ ކުރިން ޖަމާކުރަމުން އައީ އަތޮޅު ކައުންސިލްތަކުގެ އެކައުންޓްތަކަށެވެ.