ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ. 

ޒަމީރުގެ އިސްތިއުފާ ދެއްވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީގައި ސަބަބެއް ކަމަށް ވިދާޅުވީ ސިއްހީ ސަބަބުތަކެއް ކަމަށް އެނގިފައި ވެ އެވެ. 

ޒަމީރު ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ސިންގަޕޫރުގައި މުހިންމު ސާޖަރީއެއް ވެސް ކޮށްފަ އެވެ. 

މި ސަރުކާރުގައި އެންމެ ފުރަތަމަ ޒަމީރު ހުންނެވީ ފޮރިން މިނިސްޓަރުގެ މަގާމުގަ އެވެ. އެ މަގާމުން ފިނޭންސް މިނިސްޓަރަކަށް ބަދަލުކުރީ ސެޕްޓެމްބަރު 30، 2024 ގަ އެވެ. 

އޭގެ ފަހުން މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ފިނޭންސް މިނިސްޓްރީގެ މެންޑޭޓްގެ ތެރެއަށް ޕަބްލިކް އެންޓަޕްރައިސަސް ހިމަނައި، މެންޑޭޓް ބޮޑުކުރި އެވެ. ކެބިނެޓަށް ގެނައި ބަދަލާ އެކު މިނިސްޓަރު ޒަމީރު ފެނިގެންދިޔައީ އެންމެ ސީނިއާކޮށް މަސައްކަތް ކުރައްވަމުން ގެންދެވި މިނިސްޓަރަށެވެ. 

މެދުއިރުމަތީގައި މިހާރު ފަށާފައިވާ ހަނގުރާމައާ ގުޅިގެން ރާއްޖެ އަށް ކުރާނެ އަސަރުތައް ދެނެގަނެ އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ގޮތެއް ނިންމަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ވަޒީރުންގެ ހާއްސަ ކޮމިޓީގެ ޗެއާއަކަށް ވެސް ހަމަޖެއްސީ ޒަމީރެވެ. އަދި އޭގެ އިތުރުން ލޯކަލް ގަވަރްމެންޓް އޮތޯރިޓީގެ ރައީސަކަށް ވެސް ހުންނެވީ ޒަމީރެވެ. 

ޒަމީރު ފިނޭންސް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވިއިރު ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް ރޭޓިންސް އިން ރާއްޖެ އަށް ދީފައި އޮތް ރޭޓިން ވަނީ މިދިޔަ ހަފުތާގައި މަތިކޮށްފަ އެވެ. އަދި މިދިޔަ އޭޕްރިލް މަހު ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ސޮވެރިން ސުކޫކް ރާއްޖޭން ކާމިޔާބުކަމާ އެކު ދައްކާފައިވެ އެވެ.