ފިނޭންސް މިނިސްޓަރުގެ މަގާމުން މޫސާ ޒަމީރު މިއަދު އިސްތިއުފާ ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ނޫން ކަމަށާއި އެއީ ޒަމީރުގެ އަމިއްލަ ނިންމެވުމެއް ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ. 

ޒަމީރު އިސްތިއުފާ ދެއްވީ ރައީސް އަންގަވައިގެން ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަތައް ފަތުރަމުންދާތީ މުންދު "މިހާރު" އަށް ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި ޒަމީރުގެ އިސްތިއުފާއަކީ އޭނާގެ އަމިއްލަ ނިންމެވުމެއް ކަމަށާއި އަދި އިސްތިއުފާގެ ސިޓީގައި ޒަމީރު ފާހަގަ ކުރައްވާފައިވަނީ ސިއްހީ ސަބަބުތަކެއް ކަމަށް ވެސް މުންދު ވިދާޅުވި އެވެ.  

މުންދު ވިދާޅުވީ ޒަމީރު މި ސަރުކާރުގެ ދެ މިނިސްޓްރީއެއްގެ މިނިސްޓަރުގެ ހައިސިއްޔަތުން ޒަމީރު ކޮށްދެއްވި ހިދުމަތްތައް ބަލައިގަނެ، އެކަންކަމަށް ސަރުކާރުން ޝުކުރުވެރިވާ ކަމަށެވެ. 

ޒަމީރުގެ އިސްތިއުފާ ސިޓީގައި ބުނެފައިވަނީ މިދިޔަ އަހަރު ވެސް އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަން ޖެހުނު ކަމަށާއި އަދި މިވަގުތު ވެސް އެޑްމިޓްވެގެން ފަރުވާ ހޯދަން ޖެހިފައިވާ ކަމަށް އެ ސިޓީގައިވެ އެވެ.

އެހެންވެ، ޒިންމާދާރު މަގާމަކަށް ދޭންޖެހޭ ވަގުތާއި ސަމާލުކަން ނުދެވިދާނެ ކަމުގެ ނުތަނަވަސްކަން އިންތިހާއަށް އެބައޮތް ކަމަށާއި އަދި ސަރުކާރަށާއި ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަކީ މަގާމުން ދުރުވުން ކަމަށް ވެސް އެ ސިޓީގައިވެ އެވެ. 

ޒަމީރު އެ ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް، ކުރިއަށް އޮތް ތަނުގައި ވެސް ރައީސްގެ ގައުމީ ސިޔާސީ ފިކުރުގައި އޭނާއަށް ދެވެން އޮތް އެންމެ ފުރިހަމަ އެއްބާރުލުމެއް އިޖާބީ ގޮތެއްގައި ދެއްވާނެ އެވެ. 

މި ސަރުކާރުގައި އެންމެ ފުރަތަމަ ޒަމީރު ހުންނެވީ ފޮރިން މިނިސްޓަރުގެ މަގާމުގަ އެވެ. އެ މަގާމުން ފިނޭންސް މިނިސްޓަރަކަށް ބަދަލުކުރީ ސެޕްޓެމްބަރު، 2024 ގަ އެވެ. 

އޭގެފަހުން މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ފިނޭންސް މިނިސްޓްރީގެ މެންޑޭޓްގެ ތެރެއަށް ޕަބްލިކް އެންޓަޕްރައިސަސް ހިމަނައި، މެންޑޭޓް ބޮޑުކުރި އެވެ. އަދި ކެބިނެޓަށް އޭރު ގެނައި ބަދަލާއެކު މިނިސްޓަރު ޒަމީރު ފެނިގެން ދިޔައީ އެންމެ ސީނިއާކޮށް މަސައްކަތް ކުރައްވަމުން ގެންދެވި މިނިސްޓަރުގެ ގޮތުގަ އެވެ. 

މެދުއިރުމަތީގައި މިހާރު ފަށާފައިވާ ހަނގުރާމައާ ގުޅިގެން ރާއްޖެ އަށް ކުރާނެ އަސަރުތައް ދެނެގަނެ އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ގޮތެއް ނިންމަން ރައީސް މުއިއްޒު އުފެއްދެވި ވަޒީރުންގެ ހާއްސަ ކޮމިޓީގެ ޗެއާއަކަށް ވެސް ހަމަޖެއްސީ ޒަމީރެވެ. އަދި އޭގެ އިތުރުން ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބޯޑުގެ ރައީސަކަށް ވެސް ހުންނެވީ ޒަމީރެވެ. 

ޒަމީރު ފިނޭންސް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވިއިރު ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް ރޭޓިންސް އިން ރާއްޖެ އަށް ދީފައި އޮތް ރޭޓިން ވަނީ މިދިޔަ ހަފުތާގައި މަތިކޮށްފަ އެވެ. އަދި މިދިޔަ އޭޕްރީލް މަހު ދައުލަތުން ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ސޮވެރިން ސުކޫކް ރާއްޖޭން ކާމިޔާބުކަމާ އެކު ދައްކާފައިވެ އެވެ.