ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގެ މުހިންމު ބައެއް މަގާމުތަކަށް ބަދަލު ގެންނަވައި، ތިން މިނިސްޓްރީއަކަށް އަލުން މިއަދު މިނިސްޓަރުން އައްޔަން ކުރައްވައިފި އެވެ.
ފޮރިން މިނިސްޓަރަކަށް އަލަށް އައްޔަން ކުރެއްވީ ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ހަލީލެވެ. ހެލްތު މިނިސްޓަރަކަށް އައްޔަން ކުރެއްވީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި މިހާތަނަށް ހުންނެވި އަބްދުﷲ ނާޒިމް އިބްރާހީމެވެ. ފިނޭންސް މިނިސްޓަރަކަށް އައްޔަން ކުރެއްވީ ފޮރިން މިނިސްޓަރުގެ މަގާމު ފުރުއްވަމުން ގެންދެވި މޫސާ ޒަމީރެވެ.
ރައީސް މުއިއްޒު މިއަދު ވަނީ ހަލީލާއި ޒަމީރު އަދި ނާޒިމް އެ މިނިސްޓްރީތަކަށް އައްޔަން ކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވައިފަ އެވެ. އެ ބޭފުޅުން އާ މަގާމުގެ ހުވާކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ކެބިނެޓަށް މި ބަދަލުތައް ގެނައުމާ އެކު، ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަފީގު ވަނީ އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފަ އެވެ.
ހެލްތު މިނިސްޓަރަކަށް މިއަދު އައްޔަން ކުރެއްވި ނާޒިމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އެ މަގާމު ފުރުއްވައިފަ އެވެ.
މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމުގެ ހުވާކުރެއްވި ފަހުން ރައީސް މުއިއްޒުގެ ކެބިނެޓަށް ބަދަލު ގެންނެވި ފުރަތަމަ ފަހަރެވެ.