ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މަގާމުން ވަކިކުރުމުގެ ގަރާރު 73 މެމްބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. 

ރައްޔިތުންގެ މަޖިލީހުން ދެންމެ ފޮނުވި މެސެޖުގައި ބުނީ ނާޒިމް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހުގެ އިދާރާއަށް ވަނީ ލިބިފައިވާ ކަމަށާއި އެ މައްސަލަ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށް ގެންދާނެ ކަމަށެވެ. 

ނާޒިމް މަގާމުން ވަކިކުރަން ނިންމީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން އިއްޔެ ބޭއްވި ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމަށްފަހު، އެ ގަރާރުގައި ޕީއެންސީގެ 73 މެމްބަރަކު ސޮއި ކުރެއްވި އެވެ.

މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސް މަގާމުން ވަކިކުރަން ހުށަހެޅޭނީ މަދުވެގެން ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ މަދުވެގެން 24 މެމްބަރުންނެވެ.

ނަމަވެސް މަޖިލިހުގެ ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓު ދެއްވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. 

ރައްޔިތުންގެ މަޖިލިހުގައި 93 މެމްބަރުން ތިއްބަވާއިރު އޭގެ ތެރެއިން ޕީއެންސީގެ މެމްބަރުންގެ އަދަދަކީ 76 އެވެ. 

މަޖިލިހުގެ ނައިބު ރައީސް ނާޒިމް މަގާމުން ވަކިކުރުމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމިއިރު، އެ ގުރޫޕްގެ ވަޓްސްއެޕް ގުރޫޕުން ވެސް އޭނާ އިއްޔެ ހެނދުނު ވަނީ ބޭރުކޮށްލައިފަ އެވެ. 

ނާޒިމާއި ޕީއެންސީގެ އިސްފަރާތްތަކާ ގުޅުން ގޯސްވި ސަބަބުތައް އަދި ތިލައެއް ނުވެ އެވެ. ނަމަވެސް މަޖިލިހުގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވަން "ނުސީދާކޮށް" އަންގާފައިވާ ކަމަށް އެނގިފައިވެ އެވެ. އަދި މަޖިލީހުގައި އެންމެ ބާރުގަދަ ކޮމިޓީތަކުން ކުރިން ނާޒިމް ވަނީ ވަކިކޮށްފަ އެވެ. 

"މިހާރު" އިން ސުވާލު ކުރުމުން ނާޒިމް ކުރިން ވިދާޅުވި ގޮތުގައި އެ ދެ ކޮމިޓީ އަށް ވެސް އޭނާގެ ބަދަލުގައި އެހެން މެންބަރުން އައްޔަންކުރަން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމީ މަސައްކަތް މިހާރު ހުރިގޮތުން، އެ ދެ ކޮމިޓީ އަށް ވަގުތު ނުދެއްވޭތީ އެގޮތަށް އެއްބަސްވެވަޑައިގަތުމުންނެވެ.

މިހާރު ހިނގަމުން އަންނަ 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމަށް އަބްދުއްރަހީމް އަބްދުﷲ އަދި ނައިބު ރައީސަކަށް ނާޒިމް އިންތިހާބުކުރީ މޭ 28، 2024 ގަ އެވެ. 

ނާޒިމަށް މަޖިލިހުގެ ނައިބު ރައީސްކަން ލިބިވަޑައިގަތީ މަޖިލިހުގެ މެމްބަރުންގެ މެދުގައި ނެގި ވޯޓުގައި 80 ވޯޓު ހޯއްދަވައިގެންނެވެ. ނާޒިމާ ވާދަކުރެއްވި އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ އަށް ލިބިވަޑައިގަތީ 12 ވޯޓެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ނިންމިއިރު، 17 ވަނަ މަޖިލީހުގައި ނައިބު ރައީސްކަން ވެސް އޭނާ ކުރެއްވި އެވެ.