އެމްޑީޕީގެ ދެ ސަރުކާރުގައި ވެސް ރާއްޖޭގައި ތަންފީޒުކުރީ އިސްލާމްދީނާ ދުރު ސިޔާސަތުތައް ކަމަށާއި މިއީ އިސްލާމީ ގައުމެއް ކަމަށް ވުމުން މި ސަރުކާރުން އިސްވެ ތަންފީޒު ކުރާނީ އިސްލާމްދީން ކުރިއެރުވުމުގެ ސިޔާސަތު އެކަނި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީއެންސީ އަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގައި ރައީސް ވަނީ އެމްޑީޕީގެ ދެ ސަރުކާރުގެ ދުވަސްވަރު އަމަލުކުރި ގޮތް ހަނދާން އާ ކޮށްދެއްވައިފަ އެވެ.
ހާއްސަކޮށް އިސްލާމްދީނާ ގުޅުން ހުރި ކަންތައްތައްތަކުގައި އެ ދުވަސްވަރުގެ ތަޖުރިިބާ ހިއްސާ ކޮށްދެއްވި އެވެ.
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން މިދިޔަ އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު ނެރުނު ރިޕޯޓާ ގުޅޭ ގޮތުން ރައީސް މުއިއްޒު ވިދާޅުވީ، އިސްލާމްދީނުގެ އެންމެ އަސާސީ ކަންކަމަށް ވެސް އެ ރިޕޯޓުގައި ހަޖޫ ޖަހައި، ކުޑައީމިސް ކޮށްފައިވާ ކަމަށެވެ. އަދި އެ ރިޕޯޓު ނެރުމުގައި އިސްކޮށް ތިބި ބައެއް މީހުން އެމްޑީޕީ ސަރުކާރުގެ އިސް މަގާމުތަކަށް އޭރު ހަމަޖައްސައި، ދިވެހި ރައްޔިތުންގެ ފައިސާ އިން މުސާރަ ދިން ކަން ރައީސް ފާހަގަކުރެއްވި އެވެ.
"އެއީ މިދިޔަ ސަރުކާރުން. އެއީ މިދިޔަ ސަރުކާރުގެ ދީނީ ސިޔާސަތު އޮތް ގޮތް. ހަގީގަތް ބަދަލެއް ނުވާނެ އެހެން ގޮތަކަށް ވާހަކަ ދެއްކިޔަސް،" އެ މަނިކުފާނު ވިދާޅުވި އެވެ.
އެމްޑީއެން އިން އާއްމުކުރި ރިޕޯޓުގައި ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫ ޖަހާފައިވެ އެވެ. ކީރިތި ޤުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަމަށް ފުރައްސާރަ ވާ ގޮތަށް ވެސް ލިޔެފައިވެ އެވެ. މީގެ އިތުރުން، ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރި އެވެ.
އެ މައްސަލަ ފެންމަތިވުމާ އެކު، ހޯމް މިނިސްޓްރީން ފަހުން އެ ޖަމިއްޔާ އުވާލި އެވެ. އެ ޖަމިއްޔާގައި އިސްކޮށް މަސައްކަތް ކުރި ޝަހިންދާ އިސްމާއިލް އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން ކޯޓުން ނިންމީ ވެސް އެމްޑީއެން އުވާލީ ރަނގަޅަށް ކަމަށެވެ.
ރައީސް މުއިއްޒު ރޭ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިންގެވި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ދުވަސްވަރު ވެސް އިސްލާމްދީނާ ގުޅުވައިގެން ހިންގި ބައެއް ކަންކަަމަށް އަލިއަޅުވާލައްވައިފަ އެވެ.
ރައީސް ވިދާޅުވީ، އިސްލާމްދީނުގެ ދިފާއުގައި "23 ޑިސެމްބަރު އިއްތިހާދު" ގެ ނަމުގައި ދީނުގެ ދިފާއުގައި މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ޖެހުނީ ނަޝީދުގެ ސަރުކާރުގެ ދީނީ ސިޔާސަތުތަކާ ހެދި ކަމަށެވެ. އެއީ ދިވެހި ތާރީހުގައި ވެސް މިހާތަނަށް އެންމެ ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ ބޭއްވި އެންމެ ބޮޑު އެއްވުންކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
"އެއީ ކީއްކުރަން ބޭއްވި އެއްވުމެއްތޯ؟ އިސްލާމްދީނުގެ ދިފާއުގައި ދިވެހިން ނުކުންނަން ޖެހުނީ ކީއްވެގެންތޯ؟ ދިވެހިން ނުކުންނާކަށް ނުޖެހޭނެ ގައިމު ވެސް އިސްލާމްދީނުގެ ކަންތައްތަކާ އިދިކޮޅަށް މި ގައުމުގައި ކަންތައްތަކެއް ނުހިނގާނަމައެއް،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު އައްޑޫގައި ބޭއްވި ސާކް ސަމިޓާ ދިމާކޮށް ބުދު ބެހެއްޓުން ކަހަލަ އެތައް ކަމެއް ކުރި ކަމަަށެވެ.
"އެހެންވީމާ ދީނާ ދުރު ސިޔާސަތު އެއީ މި ގައުމުގައި ކުރީގައި ތަންފީޒުކުރި ސިޔާސަތެއް އެމްޑީޕީގެ ދެ ސަރުކާރުގައި ވެސް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ދުވަސްވަރު ވެސް ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސްފުޅުތަކުގެ ބޭރުން ނުވަތަ އެހެން "އޮލްޓަނޭޓިވް" އެއް ހޯދަންޖެހޭ ކަމަށް ބުނެ ވަކާލާތުކުރި ކަމަށާއި އެއީ އޭރުގެ ސިޔާސަތު ކަމަށެވެ. އެކަމަކު، އެ ދުވަސް އަނބުރާ މި ގައުމަށް ގެންނަން ދިވެހިން ބޭނުން ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަގީދާގެ އެންމެ މައިގަނޑު އަސާސްތަކަށް ގޮންޖަހައި، ހަޖޫޖެހި އެމްޑީއެން ރިޕޯޓު ނެރުނު ސަރުކާރު އަލުން އަނބުރާ ގެނައުމަކީ އަޅުގަނޑު ހިތުން ހަމަހޭގައި ތިބި ދިވެހި ރައްޔިތުން ބޭނުންވާނެ ގޮތެއް ނޫން،" ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިއީ އިސްލާމީ ގައުމެއް ކަމަށް ވުމުން މި ގައުމުގައި އޮންނަން ވާނީ އިސްލާމްދީނަށް ނަސްރު ދިނުމުގެ ސިޔާސަތު އެކަނި ކަމަށާއި އެއީ އެ މަނިކުފާނު ގަބޫލުފުޅު ކުރައްވާ ސިޔާސަތު ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެން ފަހުރުވެރިކަމާ އެކީގައި މި ގައުމުގައި އިސްލާމްދީނަށް ނަސްރު ދިނުމަށް ފުރިހަމަ ބާރާ އެކީގައި ސަރުކާރުން އިސްވެ އެ ސިޔާސަތު ތަންފީޒު ކުރަނީ. އެ ގޮތުގައި އަޅުގަނޑުމެން ކުރިއަށް ދާނަން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، އިސްލާމްދީން ކުރިއަރުވާތީ ބޭރުގެ ޖަމާއަތްތަކުންނާއި އެހެން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރިޔަސް މި ސަރުކާރުން އެކަމާ އަޅާނުލާނެ ކަމަށެވެ.