ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ޖަލު ހުކުމް ލުއިކޮށްދީ، ބަންދުން ދޫކޮށްލުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ފުރަތަމަ ފަހަރަށް ރޭ ދިފާއު ކުރައްވައިފި އެވެ. 

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގެ އެންމެ އިސް މީހުންގެ ތެރޭގައި ހިމެނޭ އަދީބާއި ޒިޔަތުގެ ހުކުމް ލުއިކޮށް އަދި ބަންދުން ދޫކޮށްލީ އިބޫގެ ވެރިކަމުގެ ދައުރު އެންމެ ހަތަރު ދުވަހަށް ވެފައި ވަނިކޮށެވެ. އެ މައްސަލާގައި އޭގެ ފަހުން މިހާތަނަށް ވެސް އެތައް ބަޔަކު ދަނީ އިބޫ އަށް ފާޑުކިޔަމުންނެވެ. 

އިބޫގެ ސަރުކާރުގެ އެ ފިޔަވަޅާ އެކު، އަދީބާއި ޒިޔަތު ވަނީ މިނިވަންވެފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީނާއި އިބޫ ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެކަމާ ގުޅޭ ގޮތުން އަމާޒުވި ސުވާލަށް ޖަވާބު ދެއްވަމުން އިބޫ ވިދާޅުވީ އަދަބަށް ލުއި ހޯދުމަށް ރައީސުންނާ ހަމައަށް ގާނޫނުގައިވާ ގޮތުގެ މަތިން މައްސަލައެއް އައުމުން ބަލަނީ ގާނޫނީ ގޮތުން އެ ފުރުސަތު އެ މީހަކަށް ދެވެން އޮތްތޯ ކަމަށެވެ. އަދީބުގެ މައްސަލައިގައި ވެސް އަމަލުކޮށްފައިވަނީ އެ އުސޫލުގެ ދަށުން ގާނޫނުގެ ތެރެއިން ކަމަށް ވިދާޅުވެ އެކަން އިބޫ ދިފާއު ކުރެއްވި އެވެ. 

"އަދީބަށް ވެސް ދިން ލުޔަކީ ގާނޫނީ އިމުގެ ތެރެއިން ގާނޫނުން ލިބޭ ފުރުސަތުގެ ދަށުން ދީފައި އޮތް ލުޔެއް،" އިބޫ ވިދާޅުވި އެވެ.

އިދާރާތަކުން އެކަން ބެލުމަށް ފަހު، އެ މަނިކުފާނާ ހަމައަށް އަދީބުގެ މައްސަލަ އައިއިރު އޮތީ ލުއި ދެވޭނެ މީހެއްގެ ގޮތުގައި ކަމަށް އިބޫ ވިދާޅުވި އެވެ. އަދީބުގެ މެޑިކަލް ރިޕޯޓްތައް ވެސް ހުރި ކަމަށާއި ލުއި ދިނީ ހަމައެކަނި ޖިނާއީ ބަޔަށް ކަމަށާއި މަދަނީ ބައި ކަމަށްވާ ފައިސާ ހޯދުމުގެ މައްސަލަ އަދިވެސް ކުރިއަށް ގެންދެވޭނެ ކަމަށް އިބޫ ރޭ ވިދާޅުވި އެވެ. 

"އެކަން ބަލައި ތަހުގީގުކޮށް ނިންމައި ޝަރީއަތް ކުރުމާ ހަމައިގައި އެ މައްސަލަތައް ހުންނާނީ. އަޅުގަނޑު ހިތަށް އަރާ އެ މައްސަލަތައް ކުރިއަށް ނުދަނީ ކީއްވެގެންބާއޭ މިހާރުު. އެކަން ކުރިއަށް ގެންދަންވީ މިހާރު ވެސް،" އިބޫ ވިދާޅުވި އެވެ. 

އިބޫ ވިދާޅުވީ އަދީބަށް ލުއި ދިނުމާ ގުޅިގެން ގިނަ ބަޔެއްގެ ހިތްހަމަނުޖެހުން އޮތް ކަން ގަބޫލުފުޅު ކުރައްވާ ކަމަށެވެ. ނަމަވެސް، ގާނޫނީ އިމުގެ ތެރެއިން މީހަކަށް ދޭން ޖެހޭ ލުޔެއް އެ ވަނީ ލިބިފައި ކަމަށް ވިދާޅުވި އެވެ. 

"ދެން އެކަމުގައި އަޅުގަނޑަށް ގޯސްކޮށް ކަމެއް ކުރެވިފައިވާ ނަމަ، މާފަށް އެދެންޏާ މާފަށް އެދެންވީ. އެކަމަކު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ މާފަށް އެދެންޖެހޭ ވަރު ކަމެއް ނޫން. ތިޔަ ބޭފުޅުންނަށް ދެކޭ ގޮތުގައި އެއީ ގޯސްކަމެއް ކަމަށްވާ ނަމަ، އެކަން އަޅުގަނޑު ބަލައިގަންނަން،" އިބޫ ވިދާޅުވި އެވެ. 

ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތެއްގައި އަދީބު ވާހަކަ ދައްކަވަނީ: އޭނާއަށް ދިން ލުޔަކީ ގޯހެއް ކަމަށް ރައްޔިތުން ދެކޭ ނަމަ، އެކަން ބަލައިގަންނަ ކަމަށް ސޯލިހު ވިދާޅުވި
ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތެއްގައި އަދީބު ވާހަކަ ދައްކަވަނީ: އޭނާއަށް ދިން ލުޔަކީ ގޯހެއް ކަމަށް ރައްޔިތުން ދެކޭ ނަމަ، އެކަން ބަލައިގަންނަ ކަމަށް ސޯލިހު ވިދާޅުވި

އެމްއެމްޕީއާރުސީ މެދުވެރިކޮށް، 54 ރަށް ދޫކޮށްގެން އަދީބުގެ މައްޗަށް 150 އަށް ވުރެން ގިނަ ދައުވާ ކުރެވެން އޮއްވައި ދައުލަތުން ކުރީ ހަތް ދައުވާ އެވެ. މި ދައުވާތަކުގައި 20 އަހަރުގެ ހުކުމެއް އޭނާގެ މައްޗަށް އިއްވީ އަދަބު ލުއިވާ ގޮތަށް ހެދި ޕްލީބާގެއިން އެއްބަސްވުމުގެ ދަށުންނެވެ.

ޖަލު އަދަބު ލުއިވުމުގެ އިތުރަށް އެ އެއްބަސްވުމުގައިވާ ގޮތުން، ހިޔާނާތާ ގުޅިގެން އަދީބު ދައްކަން ޖެހެނީ ވެސް ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ އެކެވެ. މަނީ ލޯންޑްރިންގެ ގާނޫނުން، މަނީ ލޯންޑާކުރި އަދަދު ދައްކަން އަންގައި އޭގެ ފަސް ގުނައާ ހަމައަށް (ފަސް ބިލިއަން ރުފިޔާ އިން) އަދީބު ޖޫރިމަނާ ކުރެވެން އޮއްވައި ދެ މިލިއަނުން ޖޫރިމަނާކުރުމުންގާނޫނީ ވަކީލުން ކަންބޮޑުވުން ފާޅުކުރި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަދީބު 20 އަހަރަށް ޖަލަށް ލާން އޮކްޓޯބަރު 2020 ގައި ހުކުމް ކުރިއިރު ވެސް އޭނާ ހުރީ ޖަލު ބަންދުގަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ގައި އަދީބު ޖަލަށްލީ ރިޔާސީ ލޯންޗްކޮޅު ގޮއްވާލި މައްސަލައިގަ އެވެ. އޭގެ ފަހުން ހަމަ އެ ސަރުކާރުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ވެސް ދައުވާ އުފުލި އެވެ.