ކައުންސިލެއް ނެތް ހދ. ހިރިމަރަދޫ މީހުންނަށް ހުރިހާ ހިދުމަތެއް ދޭނީ އެ އަތޮޅު ހަނިމާދޫ ކައުންސިލުން ކަމަށް، އެލްޖީއޭއިން މިއަދު ބުނެފި އެވެ.

އާބާދީ ކުޑަވުމުން ސަރުކާރުން ވަނީ ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރަން ނިންމައިފަ އެވެ. 

އޭގެ ތެރެއިން، ހިރިމަރަދޫ މީހުންނަށް ބޭނުންވާ ހައުސިން ޔުނިޓާއި މުނިސިޕަލް ހިދުމަތްތައް ދޮޅު އަހަރު ތެރޭގައި ހަނިމާދޫގައި ގާއިމްކުރަން އެޗްޑީސީއާ ހަވާލުކޮށްފައި އޮތުމުން، ހިރިމަރަދުއަށް މި ފަހަރު ކައުންސިލަރުންނެއް ވެސް އިންތިހާބެއް ނުކުރެ އެވެ.

އެލްޖީއޭގެ އޮފިޝަލަކު ވިދާޅުވީ ހިރިމަރަދޫ ކައުންސިލްގައި މި ވަގުތު ތިބޭނީ އިދާރީ މުވައްޒަފުން ކަމަށެވެ. ނަމަވެސް، އެ މުވައްޒަފުންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް ފޯރުކޮށްދޭނީ ހަނިމާދޫ ކައުންސިލުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ދަތި ކަމެއް ނެތި, ކުރިން ވެސް ލިބުނު ގޮތަށް ހުރިހާ ހިދުމަތެއް ލިބޭނެ." އޭނާ ވިދާޅުވި އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ޑިސެމްބަރު މަހު ނެރުއްވި ގަރާރުގައި ވިދާޅުވީ ހިރިމަރަދުއަކީ މީހުން ދިރިނޫޅޭ ރަށެއް ކަމަށް މި ވަގުތަށް ކަނޑައެޅީ ލޯކަލް ކައުންސިލް އިންތިހާބު ބާއްވަނީ ހިރިމަރަދޫ މީހުން ހަނިމާދު އަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ މަރުހަލާގެ ތެރޭގައި ކަމަށް ވާތީ އެވެ.

އެހެންވެ، މިދިޔަ މަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި އެ މީހުން ވޯޓުލާފައިވަނީ ވެސް ހަނިމާދޫއަށް ކައުންސިލަރުން އިންތިހާބުކުރާށެވެ.