ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ތައިލެންޑަށް ދަތުރު ކުރެވޭ މުއްދަތު 15 ދުވަަހަށް ކުޑަކުރަން އެ ގައުމުގެ ކެބިނެޓުން ނިންމައިފި އެވެ.

ތައިލެންޑުން ދިވެހިންނަށް 60 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭގޮތަށް ހަމަޖެއްސީ 2024 ވަނަ އަހަރު އެވެ. 

ތައިލެންޑް ސަރުކާރާ ހަވާލާދީ ބެންކޮކް ޕޯސްޓް ނޫހުން ބުނީ އެ ގައުމުން ވިސާ އެގްޒެމްޕްޝަން އާއި އޮންއެރައިވަލް ވިސާ ދޫކުރާ އުސޫލު ބަދަލުކޮށް އަދި 93 ގައުމަކަށް ދެމުންދާ ވިސާ ލުއިތައް ރިވިއުކޮށް، ބަދަލުތައް ގެނައުމަށް އެ ގައުމުގެ ކެބިނެޓުން އިއްޔެ ނިންމާފައިވާ ކަމަށެވެ. 

އެ ނޫހުން ބުނި ގޮތުގައި ވިސާއާ ބެހޭ އާ އުސޫލުގެ ދަށުން ދިވެހިންނަށާއި  ސީޝެލްސް އާއި މޮރިޝަސްގެ ރައްޔިތުންނަށް ވިސާ ލިބޭނީ 15 ދުވަހަށެވެ.

ތައިލެންޑުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ކޮންސިއުލާ އެފެއާޒް ޑިޕާޓްމަންޓުން ބުނެފައިވާ ގޮތުގައި ކުރިން 60 ދުވަހުގެ ވިސާ ލިބުނު 93 ގައުމުގެ ތެރެއިން ގިނަ ގައުމުތަކަށް ދެން ލިބޭނީ 30 ދުވަހުގެ ވިސާ އެވެ.

ރާއްޖެ އާއި ސީޝެލްސް އަދި މޮރިޝަސް ވަނީ 15 ދުވަހުގެ އާ ކެޓެގަރީއަކަށް ބަދަލުކޮށްފަ އެވެ. ނަމަވެސް އެ ނިންމުމަށް އަމަލުކުރަން ފަށާނީ ރަސްމީކޮށް ތައިލެންޑުގެ ރޯޔަލް ގެޒެޓްގައި ޝާއިއު ކުރާތާ 15 ދުވަސް ހަމަވުމުންނެވެ. 

ތައިލެންޑުގެ ޓޫރިޒަމް އެންޑް ސްޕޯޓްސް މިނިސްޓަރު ސުރަސަކް ޕަންޗަރޮއެންވޮރަކުލް ވިދާޅުވީ 2024 ވަނަ އަހަރު ތައާރަފްކުރި 60 ދުވަހުގެ ލުއި ވިސާގެ ބޭނުން ނުބައި ގޮތުގައި ހިފައި، ބައެއް އިންސާނީ ވަގު ވިޔަފާރި ކުރުމާއި ހުއްދައާ ނުލައި މަސައްކަތް ކުރުމާއި އަދި ކޯލް ސެންޓަރު ސްކޭމްތައް ފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަމުންދާ ކަމަށެވެ.

އެހެންކަމުން، ސަރުކާރުގެ އަމާޒަކީ ޤައުމުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ހަމައެކަނި ޓޫރިސްޓުންގެ އަދަދު ގިނަކުރުމުގެ ބަދަލުގައި، 'ކޮލިޓީ' ފަތުރުވެރިންނަށް އިސްކަން ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން، ވިސާގެ މުއްދަތު އިތުރުކުރުމަށްޓަކައި އަވަސް އަވަހަށް ބޯޑަރު ހުރަސްކޮށްފައި އެނބުރި ތައިލެންޑަށް ވަންނަ އުސޫލު ވެސް އާ ގަވާއިދުގެ ދަށުން ވަނީ ބަދަލުކޮށް، އަހަރަކު ގިނަވެގެން 2 ފަހަރަށް ވަނީ ލިމިޓްކޮށްފަ އެވެ.