ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ތައިލެންޑަށް ދަތުރު ކުރެވޭ މުއްދަތު 15 ދުވަަހަށް ކުޑަކުރުމަށްފަހު އެ ނިންމުން ބަދަލުކުރަން ތައިލެންޑްގެ ސަރުކާރުން ނިންމައިފި އެވެ.
ތައިލެންޑުގެ ވިސާގެ އިނާޔަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށްޓަކައި އެ ގައުމުގެ ވިސާ އެކްޒެމްޕްޝަން އުސޫލުތަކަށް މިއަހަރު ބަދަލުތަކެއް ގެނަ އެވެ. އެކަމަކު އެ ބަދަލުތަކަށް އާ އިސްލާހުތަކެއް ގެނައުމަށް އެ ގައުމުގެ ކެބިނެޓުން ފާސްކޮށްފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
އިސްލާހުކުރި އުސޫލުގެ ދަށުން، 93 ގައުމަކަށް މިހާރު ދެމުންގެންދާ 60 ދުވަހުގެ ވިސާ އެކްޒެމްޕްޝަން އުވާލާނެ އެވެ. އަދި ސަރުކާރުގެ ޑެޕިއުޓީ ތަރުޖަމާނު ޕްލޮއިޓަލޭ ލަކްސަމީސަންޗަން ވިދާޅުވި ގޮތުގައި 59 ގައުމަކާއި ސަރަހައްދެއްގެ ރައްޔިތުންނަށް ފަތުރުވެރިކަމުގެ ބޭނުމަށް 30 ދުވަހަށް ވިސާއާ ނުލައި އެތެރެވުމުގެ ހުއްދަ ދޭނެ އެވެ. އަލަށް ހަ ގައުމަކަށް އެ އިނާޔަތް ދިނުމަށް ނިންމާފައިވާއިރު. އޭގެ ތެރޭގައި ހިމެނެނީ ރާއްޖެ އާއި އިންޑިއާ އާއި ކްރޮއޭޝިއާ އާއި ބަލްގޭރިއާގެ އިތުރުން ސައިޕްރަސް އަދި މޯލްޓާ އެވެ.
ތައިލެންޑުގެ ޓޫރިޒަމް އެންޑް ސްޕޯޓްސް މިނިސްޓަރު ސުރަސަކް ޕަންޗަރޮއެންވޮރަކުލް ވިދާޅުވެފައިވާ ގޮތުގައި 2024 ވަނަ އަހަރު ތައާރަފްކުރި 60 ދުވަހުގެ ލުއި ވިސާގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފައި، އިންސާނީ ވަގު ވިޔަފާރި ކުރުމާއި ހުއްދައާ ނުލައި މަސައްކަތް ކުރުމާއި އަދި ކޯލް ސެންޓަރު ސްކޭމްތައް ފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަމުންދާ ކަމަށެވެ.
އެހެންކަމުން، ސަރުކާރުގެ އަމާޒަކީ ޤައުމުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ހަމައެކަނި ޓޫރިސްޓުންގެ އަދަދު ގިނަކުރުމުގެ ބަދަލުގައި، ކޮލިޓީ ފަތުރުވެރިންނަށް އިސްކަން ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ވިސާގެ މުއްދަތު އިތުރުކުރުމަށްޓަކައި އަވަސް އަވަހަށް ބޯޑަރު ހުރަސްކޮށްފައި އެނބުރި ތައިލެންޑަށް ވަންނަ އުސޫލު ވެސް ވަނީ ބަދަލުކޮށް، އަހަރަކު ގިނަވެގެން އެގޮތަށް ވަދެވޭ މުއްދަތު ދެ ފަހަރަށް ވަނީ ލިމިޓްކޮށްފަ އެވެ.