ސައުދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުގެ ކޮންސިއުލް ޖެނެރަލްގެ މަގާމަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި އެވެ.

އެ މަގާމަށް އައްޔަން ކުރެއްވީ ބަދޫރާ ސައީދެވެ. އޭނާއަށް މަގާމުގެ ލިޔުން ހަވާލުކުރެއްވީ ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމެވެ.

އެ މަގާމަށް އައްޔަންކުރުމުގެ ކުރިން ބަދޫރާ ހުންނެވީ ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމުގަ އެވެ.

ކޮންސިއުލް ޖެނެރަލަކަށް ހަމަޖެއްސި ބަދޫރާއާ މަގާމުގެ ލިޔުން ހަވާލުކުރައްވަނީ --- ފޮޓޯ/ފޮރިން މިނިސްޓްރީ
ކޮންސިއުލް ޖެނެރަލަކަށް ހަމަޖެއްސި ބަދޫރާއާ މަގާމުގެ ލިޔުން ހަވާލުކުރައްވަނީ --- ފޮޓޯ/ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓްރީއާ 1988 ވަނަ އަހަރު ގުޅިވަޑައިގެންނެވި ބަދޫރާ ކުރިން ވަނީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ކައުންސެލާ އަދި ހެޑް އޮފް ޗާންސެރީގެ މަގާމު އަދާކުރައްވައިފަ އެވެ. އަދި އޭނާ ވަނީ އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ އިންޑިއާގެ ކޮންސިއުލޭޓްގައި ފަސްޓް ސެކްރެޓަރީކަން ވެސް ކުރިން ކުރައްވައިފަ އެވެ.

އޭގެ އިތުރުން ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ވެސް ބަދޫރާ ކުރިން ވަނީ އަދާ ކުރައްވައިފަ އެވެ.