މި ވެރިކަމުގެ ދައުރު ދެބައިވި އިރު ދަރަނި ދައްކަން ކުރަން ޖެހުނު ބޮޑު ހަރަދާ އެކުގައި ވެސް ސަރުކާރަށް އުމްރާނީ ގޮތުން ކުރެވުނު މަސައްކަތް ގިނަ ކަމަށާއި ކުރީގެ ސަރުކާރާ އަޅާ ބަލާއިރު މި ސަރުކާރު "ވަރަށް ތަފާތު" ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ރައީސް ވިދާޅުވީ މި ސަރުކާރުން ކުރި މަސައްކަތްތަކުގެ ތެރެއިން ބިން ހިއްކުމަށް އެކަނި ބެލިޔަސް 1،100 ހެކްޓަރަށް ވުރެ ގިނަ ބިން ހިއްކާފައިވާ ކަމަށާއި ގާތްގަނޑަކަށް 21 ރަށެއްގައި ބިން ހިއްކުމުގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ. ހަމައެކަނި ރަސްމާލޭން ވެސް 500 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް މިދިޔަ ސަރުކާރުގެ ފުރަތަމަ ދެއަހަރާ ބައިގެ ތެރޭގައި ކޮވިޑް ވެސް އަައި ކަމަށާއި އެއީ ވެސް ބަލަންޖެހޭ ކަމެއް ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ. 

"މަސައްކަތްތައް އަޅުގަނޑުމެންގެ، މި ފުރަތަމަ ދެއަހަރާއި ބައިގެ ތެރޭގައި މިހިރީ ފުރަތަމަކޮޅު މިހިރީ ހަމަ ވަރަށް ތަފާތު[ކޮށް]، ވަރަށް ގިނަ މަސައްކަތްތައް ކުރެވިއްޖެ،" ރައީސް ވިދާޅުވި އެވެ. 

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ބިން ހިއްކުމުގެ މަޝްރޫއުތަކުގެ އިތުރުން ބަނދަރު ހެދުމާއި ފެނާއި ނަރުދަމާ އެޅުމުގައި ވެސް ގިނަ މަސައްކަތްތަކެއް ސަރުކާރުން ވަނީ ކޮށްފަ އެވެ.

އެކަމަކު މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމާއަށް މިހާރު ބަލަންޖެހޭ ކަމަށް ވިދާޅުވި އެވެ. އެއީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެއާ ގުޅިގެން ކަންތައްތައް ލަސްވާ ސަބަބެކެވެ.

"ނަތީޖާ ރަނޅުވާނެ، ބާކީ މި އަހަރުގެ މިއޮތް 15 ދުވަސް ތެރޭގައި އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވި އެވެ. 

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެ މަނިކުފާނު މަސައްކަތްފުޅު ފެށްޓެވީ ބޯހިޔާވަހިކަމަކީ އެންމެ މުހިއްމު މަސައްކަތުގެ ގޮތުގައި ދެކެވަޑައިގެންނެވެ. ނަމަވެސް ދަރަނި ދެއްކުން ފަދަ ކަންކަމަކީ އެކަމަށް ވެސް "ފެކްޓާ ވާނެ" ކަންތައް ކަމަށާއި އެއާ އެކުގައި ބެއްލެވި އެއް ކަމަކީ ކުރީގެ ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ފުރިހަމަ ކުރެވޭތޯ ކަމަށް ވެސް ވިދާޅުވި އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި ބައެއް މަސައްކަތްތައް ނިންމުމަކީ ވެސް ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ ވައުދެކެވެ. 

ހުޅުމާލެ ތިނެއް ހިއްކާފައި.
ހުޅުމާލެ ތިނެއް ހިއްކާފައި.

"ގޯތި ދީފައި ހުރީ ހުޅުމާލެއިންނާ ގުޅިފަޅުންނާއި ގިރާވަރުފަޅުންނާ، ދެން ހުޅުމާލޭގެ ފޭސް ޓޫ އިން ދީފައި ހުރި ހުރިހާ ގޯއްޗެއް ހަވާލުކޮށް ނިމިފައި ނޫނީ ހަވާލުވާން މިހާރު ވާނީ ފުރުސަތު ދީފައި. ފޭސް 3 އޮތީ ނުހިއްކާ، މިހާރު ފޭސް 3 ހިއްކާ މިއޮތީ ނިންމާފައި މިހާރު އެ އޮތީ އަޅުގަނޑުމެން. މިހާރު އެ ތަނުން ވެސް ރަޖިސްޓްރީ ދީފިން، އެ ތަނުގެ ބިން ވެސް ހަވާލުކުރަން މިހާރު ފެށިފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި  ކުރިން ފަށާފައި ހުރި މަޝްރޫއުތަކުގެ އިތުރުން އާ މަޝްރޫއުތައް ވެސް ފަށައިގެން ކުރިއަށް އެބަ ދެ އެވެ.