ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް 63 ޒުވާނުން މިއަދު ދަސްވެނިވެއްޖެ އެވެ. 

ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ފުރިހަމަކުރި ޒުވާނުންގެ ތެރޭގައި ހިމެނެނީ އުމުރުން 17 އަހަރުގެ 37 ޒުވާނުންނާއި 18 އަހަރުގެ 24 ޒުވާނުން އަދި 19 އަހަރުގެ ދެ ޒުވާނުންނެވެ. 

އެކަން ފާހަގަކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުރިހާ ދަސްވެނިންނަށާއި ދަސްވެނިންގެ ބެލެނިވެރިންނަށާއި އެންމެހާ މުދައްބިރުންނަށް އަދި އެމްއެންޑީއެފް އާއި ޑިފެންްސް މިނިސްޓްރީގެ އެންމެހާ ބޭފުޅުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ. 

ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނަކީ އެ ޕްރޮގްރާމްގެ އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ތަމްރީނުގައި ބައިވެރިވި ދަރިވަރުންނަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދަސްވެނިވި ވަތަނީ ހިދުމަތުގެ ޕްރޮގްރާމްގެ އިނީޝިއަލް ޓްރެއިނިންގެ ފުރަތަމަ ބެޗުގެ ދަރިވަރުންނަށް ހުޅުވާލި ފުރުސަތުގައި މި ތަމްރީނަށް ޝައުގުވެރިކަން ފާޅުކުރި ދަރިވަރުންނެވެ. އެ ތަމްރީނު 346 ދަރިވަރުން ފުރިހަމަކުރި އެވެ. 

ހަތަރު މަސް ދުވަހުގެ މި ތަމްރީނު ހިންގާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސްގަ އެވެ. މި ޕްރޮގްރާމްގެ ދެވަނަ ބެޗު އިތުރު 75 ޒުވާނުންނާ އެކު އަންނަ މަހު ފަށަން ވަނީ ހަމަޖެހިފަ އެވެ.