މި ދުވަސްވަރު ޑެންގީ އާއި އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާގެ ކޭސްތައް އާންމުކޮށް ފެންނަ ވަރަށް ވުރެ އިތުރުވެފައި ވާތީ އާއި މާލެ ސަރަހައްދުން ހިމަބިހީގެ ކޭސްތަކެއް ވެސް ފެނިފައި ވާތީ މި އީދު ބަންދު ތެރޭގައި އެ ކަންކަމަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

ބޮޑުއީދު ބަންދާ ދިމާކޮށް ރާއްޖޭން ބޭރަށާއި އަތޮޅުތެރެއަށް ދަތުރުކުރުން އިތުރުވާނެތީ އެޗްޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އީދު ބަންދަކީ ގޭގެއަށް ޒިޔާރަތްކުރުމާއި މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން އިތުރުވާނެ ދުވަސްވަރަކަށް ވާތީ، ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ ބާރުއަޅައިފަ އެވެ.

ބަލިތަކުން ރައްކާތެރިވުމަށް އެޗްޕީއޭއިން އިރުޝާދު ދީފައިވާ މުހިންމު ކަންތައްތައް: 

  • ހުން އައިސް، ނުވަތަ ނޭވާލާ ނިޒާމުގެ ބައްޔެއްގެ އަލާމާތް ފެންނަ ނަމަ ގޭގައި މަޑުކުރުން، އާންމު އެއްވުންތަކާއި ހަރަކާތްތަކުގައި ބައިވެރިނުވުން.
  • ބަލިޖެހި ހާލަތު ގޯސްވާ ނަމަ އަވަހަށް ސިއްހީ ފަރުވާ ހޯދުން، ސިއްހީ ފަރުވާ ހޯދަން ދާއިރު މާސްކް އެޅުމާއި އާންމު ދަތުރުފަތުރުގެ ބޭނުން ނުކުރުން.
  • ހިމަބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފި ނަމަ ނަތީޖާ ލިބެންދެން އެކަހެރިވެ ހުރުން.
  • އެއާޕޯޓް ޓާމިނަލް، ފެރީ ލައުންޖް އަދި އާންމު ދަތުުރުފަތުރު ކުރާ އުޅަނދު ފަދަ، މީހުން ގިނަ ބަންދު ތަންތަނުގައި އުޅޭއިރު މާސްކް އެޅުން. 
  • ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުން ނުވަތަ ސެނިޓައިޒް ކުރުން. 
  • ބަލިން ރައްކާތެރިވުމަށާއި ބަލީގައި ބޮޑުވަރުވިޔަ ނުދިނުމަށް، ވެކްސިނުން ރައްކާތެރިވެވޭ ބަލިތަކަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުން. މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް، މަދިރި ލޯޝަން/ސްޕްރޭ ބޭނުންކުރުމާއި ހަށިގަނޑު ބޮޑަށް ނިވާވާ ގޮތަށް ހެދުން އެޅުން. މީގެ އިތުރުން މަދިރިގެ ބޭނުންކުރުމާއި ދޮރުތަކުގައި ދާ ޖަހައި މަދިރި ނުވަދެވޭ ގޮތް ހެދުން އަދި މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލުން

 ރާއްޖޭން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ހިމަބިހި ޖެހިފައިވާ މީހުންގެ އަދަދު އިތުރުވަމުންދާތީ ހުމާއި ރަތްބިހީގެ އަލާމާތެއް ހުރި ނަމަ، އެހީތެރިކަން ފޯރުކޮށްދިނުމަށް އައިޖީއެމްއެޗުގައި ހެލްޕު ޑެސްކެއް ވެސް މިހާރު ވަނީ ގާއިމުކޮށްފަ އެވެ.  

 އެތަނުން ހެނދުނު 8:00 އިން ރޭގަނޑު 11:00 އާ ހަމައަށް އެހީތެރިކަން ލިބޭނެ އެވެ. އެފަދަ ބަލި މީހުން އެ ގަޑީގެ ފަހުން ފަރުވާ ބޭނުން ނަމަ، މެއިން އިމަޖަންސީ ރޫމްގެ ޓްރިއަޖްގެ ނަރުހުންނަށް އެކަން އެންގުމަށް ހޮސްޕިޓަލުން އެދިފައިވެ އެވެ. އަދި ކުޑަކުދިންގެ ފަރާތުން ބަލީގެ އަލާމާތް ފެނިއްޖެ ނަމަ، ކުޑަކުދިންގެ އިމަޖަންސީ ރޫމްގެ ޓްރިއަޖް ނަރުހުންނަށް އެކަން އެންގުމަށް ހޮސްޕިޓަލުން އެދެ އެވެ.  

 ރާއްޖެއިން ހިމަބިހި ނައްތާލާފައިވަނިކޮށް އެ ބަލި ޖެހިފައިވާ ދެ މީހަކު ފެނިފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައި ވަނީ މިމަހުގެ 13 ގަ އެވެ. އެކަމާ ގުޅިގެން އާއްމުކޮށް އަމަލުކުރާ އުސޫލުތަކުގެ މަތިން ކޭސް އިންވެސްޓިގޭޝަން ހަދައި، ކޮންޓެކްޓުން ދެނެގަތުމާއި ކޮންޓެކްޓުންނަށް ވެކްސިން ދޭން ފަށާފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފައިވެ އެވެ.