އަޟްހާ އީދުގެ އުފާ ފާޅުކުރަމުން ގެންދާއިރު އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓައި، ދިވެހިންގެ ރީތީ އާދަކާދަތާ ބީރައްޓެހި ކަންކަމުން ދުރުވެ ތިބުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިލްތިމާސް ކުރައްވައިފި އެވެ.
ބޮޑު އީދު ދުވަހުގެ މުނާސަބަތުގައި ދެއްވި ތަހުނިއްޔާ މެސެޖުގައި ރައީސް ވިދާޅުވީ މާދަމާގެ އުންމީދު ކަމަށްވާ ޒުވާން ޖީލަށް ރިވެތި އަހުލާގީ ސިފަތައް ދަސްކޮށްދީ، މުޖުތަމައުގައި ތިބި ނިކަމެތިންނާއި އެކަނިވެރިންގެ ހިނތުންވުމަކީ ތިމާގެ ވެސް އުފާކަމުގައި ދުށުމަށް މި އީދުން ދަސްކޮށްދޭކަން ހަނދާން ކުރަންޖެހޭ ކަމަށެވެ.
އަދި ބޮޑު އީދުގެ ސަބަބުން އާލާވެގެންދާ އެއްބައިވަންތަކަމުގެ މާތް ގުޅުމަކީ، މުޅި ގައުމުގައި އަމާންކަމާއި ސުލްހަވެރިކަން ދެމެހެއްޓުމަށް ލިބިދޭ ވަރުގަދަ ބާރެއް ކަމަށް ވިދާޅުވި އެވެ.
"އީދުގެ ހަގީގީ ޖައުހަރަކީ، ތަގުވާވެރިކަމުގެ ސާފު ފޭރާމުން ނަފުސު ޒީނަތްތެރިކޮށް، ދީނާއި ހައްގުގެ މަގު އިސްކުރުމުގެ އަޒުމް އާކުރުމެވެ،" ރައީސްގެ ހިތާބުގައި ވިދާޅުވި އެވެ.
ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، އަޟްޙާ އީދަކީ، މާތްﷲ ވަރަށް މުހިއްމު އިބުރަތްތަކަކާއި ހިކުމަތްތަކެއް ލައްވާފައިވާ އީދެކެވެ. އެއީ، މުޅި މުސްލިމް މި އުންމަތް އެއް ސަފަކަށް ތަރުތީބު ކޮށްދޭ، އޯގާތެރިކަމުގެ ދެމެހެއްޓެނިވި މިސާލެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މާތްވެގެންވާ އަރަފާތު ބިމުގެ ހަމަހަމަކަމުން ފެށިގެން، ކޮންމެ ދިމާއަކަށް ވެސް ފެތުރިގެންދާ މި އުފާވެރިކަމަކީ، އިންސާނީ ކުލުނުގެ އެންމެ އަލިގަދަ އެއް ރަމްޒެވެ. އުޟްހިޔާ ކަތިލުމާއި އެކިއެކި ހަދިޔާބަދިޔާ ބަދަލުކޮށް، ތަނަވަސްކަމުގެ އަހުލުވެރިން ނިކަމެތި ފަގީރުންނަށް އެކި ގޮތްގޮތުން އެހީތެރިވެދީ ހެދުމަކީ، މުޖުތަމައުގެ އިޖުތިމާއީ ފޭރާން ރަނގަޅުވެ، އެކުވެރި ބަދަހި ބައެއްގެ ގޮތުގައި ކުރިއަށް ދިޔުމުގެ ހިތްވަރު އާވެގެންދާ ކަންކަމެވެ،" ރައީސް ވިދާޅުވި އެވެ.
"ހަމައެއާއެކު، މިއީ، މައާފުކުރުމުގެ ފިނި ރޯޅިން އަޅުގަނޑުމެންގެ ހިތްތަކަށް ދިރުން ގެނެސްދޭ މޫސުމެވެ. މައިންބަފައިންނާއި ގާތް ތިމާގެ މީހުންނާއެކުގައި އާއިލީ ލޯބި އާލާކުރުމަށް އޮތް އެންމެ ފަހި އެއް ފޯވައްސެވެ."