ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ތާވަލްކޮށްފައި ވަނިކޮށް، އޭނާ ދެންމެ އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ނާޒިމް ވަނީ އިސްތިއުފާ ދެއްވުމުގެ އިތުރުން އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގު ކުރައްވައި، ބަޔާނެއް ވެސް ނެރުއްވައިފަ އެވެ. އޭނާގެ އިތުބާރު ނެތް ކަމަށް ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ސޮއި ކުރައްވާ މަޖިލީހަށް ހުށަހެޅީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގާ ކަމުގެ ތުހުމަތުގަ އެވެ. އަދި މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީ، ޒިންމާ އިން ބަރީއަވާ ކަމަށް ތުހުމަތުކޮށްްފައިވެ އެވެ.
އެކަންކަން ދޮގުކޮށް ނާޒިމް ނެރުއްވި ބަޔާނުގައި ބުނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ސާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ބަޔާންކޮށްފައި ނެތް ކަމަށެވެ. އަދި މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުން އޭނާ ކޮށްފައިވާ ނުވަތަ ނުކޮށް ދޫކޮށްލާފައިވާ ކަމަކާ ގުޅިގެން އެއްވެސް ފަރާތަކުން ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދާ ހިލާފުވެއްޖެ ކަމުގެ ޝަކުވާ ވެސް ހުށަހަޅާފައިނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
"މި ހުރިހާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ކަންތައްތަކެއްކަން ފާހަގަކުރަން،" ނާޒިމްގެ ބަޔާނުގައިވެ އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި އޭނާ މަޖިލީހުގެ ނައިބު ރައީސްގެ މަގާމު އަދާކޮށްފައިވާނީ ގާނޫނީ ހަމަތަކުގެ މަތިން ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު އެވެ. އަދި އެއްވެސް ހާލަތެއްގައި މަގާމުގެ ޒިންމާ އިން ބަރީއަވެ މަގާމުގެ ޒިންމާތައް އަދާކުރުމުގައި ފަސްޖެހިފައިނުވާނެ ކަމަށް އެ ބަޔާނުގައި އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން މަޖިލީހުގެ މެމްބަރުންގެ މެދުގައި މަސްލަަހަތު ގެއްލޭނެ ކަމެއް ކޮށްފައިނުވާ ކަމަށާއި އަދި މަގާމުގެ ނުފޫޒު ބޭނުންކޮށްފައިނުވާނެ ކަމާއި މަގާމުގެ ނާޖާއިޒް ފައިދާ ނަގާފައި ނުވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މަގާމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކޮށްފައިވާނީ ނާޒިމް ވިދާޅުވި ގޮތުގައި، ގާނޫނީ ހަމަތަކުގެ މަތިން އަދި މެންބަރުންގެ މެދުގައި އެއްވެސް ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު އެވެ. އަދި މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުން ހުރިހާ މެންބަރުންގެ ހައްގުތަކާއި އިމްތިޔާޒުތައް ވަކި ފަރާތަކަށް ނުޖެހި ހަމަހަމަކަމާ އެކު ރައްކާތެރިކޮށްދޭން މަސައްކަތްކޮށްފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
ޕީއެންސީގެ މެންބަރުން އޭނާއާ ދެކޮޅަށް ހުށަހެޅި ގަރާރުގައިވަނީ ތެދު ހަގީގަތް ކަމަށް ނުވި ނަމަވެސް، އިންތިހާބީ މަގާމުތަކަށް ވޯޓުލި އެންމެންހެން އެ މަގާމުން އެ މީހަކު ދުރުވުމަށް އެދުމުން އެކަމަށް އިޖާބަދިނުމަކީ ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ތަހުޒީބީ ގޮތް ކަމަށް އެ ބަޔާނުގައިވެ އެވެ.
އެހެންވެ، އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް އެއްވެސް އިސްތިސްނާއެއް ނެތި އިންކާރު ކުރަމުން، މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވާ ކަަމަށް ނާޒިމްގެ ބަޔާނުގައިވެ އެވެ.
މަޖިލިހުގައި 93 މެމްބަރުން ތިއްބަވާއިރު އޭގެ ތެރެއިން ޕީއެންސީގެ މެމްބަރުންގެ އަދަދަކީ 76 އެވެ. އަދި ނާޒިމްގެ އިތުބާރު ނެތް ކަމުގެ މައްސަލައާ އެކު ޕީއެންސީގެ ތެރޭގައި ނުތަނަވަސްކަން އޮތް ކަމަށް އަޑު ފެތުރިފައި އޮތް ނަމަވެސް، އެ މެންބަރުންގެ މެދުގައި އެފަދަ ކަމެއް ނެތް ކަމާއި އޮތީ ބަދަހިކަމާ އެކު ކަމަށް ސީނިއާ މެންބަރުން ވިދާޅުވެފައިވެ އެވެ.
ނާޒިމަށް މަޖިލިހުގެ ނައިބު ރައީސްކަން ލިބިވަޑައިގަތީ މަޖިލިހުގެ މެމްބަރުންގެ މެދުގައި ނެގި ވޯޓުގައި 80 ވޯޓު ހޯއްދަވައިގެންނެވެ. ނާޒިމްއާ ވާދަކުރެއްވި އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ އަށް ލިބިވަޑައިގަތީ 12 ވޯޓެވެ. އަދި މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް އިސްތިއުފާ ދެއްވިއިރު، 17 ވަނަ މަޖިލީހުގައި ނައިބު ރައީސްކަން ވެސް އޭނާ ކުރެއްވި އެވެ.