ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރާ ތަކެތި ހުއްޓުވުމަށްޓަކައި މާލޭގެ ވިޔަފާރި ބަނދަރުގައި ކޮންޓެއިނަރުތައް ސްކޭން ކުރެވޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ. 

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅުވައިގެން ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގައި މިނިސްޓަރު އިހުސާން ވިދާޅުވީ ރާއްޖޭގެ ބޯޑަރުގެ ސަލާމަތީ ކަންކަން ހަރުދަނާކޮށް މިހާރު ވެސް ބަލަމުންދާ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް އެތެރެކުރަން އުޅޭ ތަކެތި އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް އަތުލައިގަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެގޮތަށް އަތުލައިގަންނަ ތަކެތީގެ އަދަދު އިތުރުވުމަކީ، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މަސައްކަތް ހަރުދަނާވަމުންދާ ކަމުގެ ހެއްކެއް ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ. 

އިހުސާން ވިދާޅުވީ ކަސްޓަމްސްގެ ސަރަހައްދުތަކުގައި އެންމެ ފުރިހަމަ ގޮތުގައި މުދާ ސްކްރީން ކުރަން ފެށުމުން، ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރާ ތަކެތި ދެނެގަނެވޭ މިންވަރު އިތުރުވާނެ ކަމަށެވެ.

ހޯމް މިނިސްޓަރު އިހުސާން ވާހަކަ ދައްކަވަނީ --- ފޮޓޯ/ރައީސް އޮފީސް
ހޯމް މިނިސްޓަރު އިހުސާން ވާހަކަ ދައްކަވަނީ --- ފޮޓޯ/ރައީސް އޮފީސް

އެގޮތުން ކޮންޓެއިނަރުތައް ހުރިގޮތަށް ސްކޭން ކުރެވޭނެ ނިޒާމެއް ގާއިމްކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ކަސްޓަމްސް ގުޅިގެން މާލޭގެ ވިޔަފާރި ބަނދަރުގައި ފުލް ކޮންޓެއިނަރު ސްކޭނަރެއް ހަރު ކުރުމުގެ މަސައްކަތް ކުރިއަށް މިހާރު ކުރިއަށް ގެންދާ ކަމަށް އިހުސާން ވިދާޅުވި އެވެ. 

"ރާއްޖޭގެ މައި ބަނދަރުގައި ފުލް ކޮންޓެއިނާ ސްކޭނާއެއް އިންސްޓޯލް ކުރުމުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ ހަތަރު ވަރަކަށް މަސް ތެރޭގައި ބެލެވެނީ އެކަން ވެސް ނިމިގެންދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ. 

އިހުސާން ވިދާޅުވި ގޮތުގައި، އެ ނިޒާމު ގާއިމް ކުރުމުން މަސްތުވާތަކެއްޗާއި ދުންފަތުގެ ބާވަތްތައް ވަގަށް އެތެރެކުރުން ވަރަށް ބޮޑަށް ހުއްޓުވޭނެ އެވެ.